ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތް ކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަށްޓަވައިފިއެވެ.

ރައީސް ސޯލިހް މިނިސްޓްރީތަކަށް ޒިޔާރަތް ކުރެއްވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވުމަށް ރާވާފައިވަނީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަގްސަދުގައެވެ. މި ޕްރޮގްރާމްގެ ދަށުން، ރައީސް ސޯލިހް ވަނީ މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސް ސޯލިހް ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސާވިސްގެ މުވައްޒަފުން ކުރާ މަސައްކަތުން ކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވައުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ ސިވިލް ސާވިސްގެ މުވައްޒަފުންކަމުގައި ވިދާޅުވެ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޑިއުކޭޝަން މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހްގެ ވާހަކަފުޅުގައި، އެޑިއުކޭޝަން މިނިސްޓްރީން ފާއިތުވި އަހަރު ރަނގަޅު ނަތީޖާއެއް ނެރުނު ކަމުގައި ވިދާޅުވިއެވެ. އަދި، ކުރިޔަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްކުރަން ހުރި ކަމަށާއި، މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލު ތަކެއް ގެނައުމަށް ސަރުކާރުން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބައްލަވަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.