ދޮންކެޔޮ ވަކެއްގައި ޑަކްޓް-ޓޭޕް ފަށައިގެން އަޅާ، ފާރެއްގައި ހިއްޕާލައިގެން 120000 ޑޮލަރަށް ވިއްކާލި ވިއްކާލުމަކީ އެއްވެސް މީހަކަށް ހަޖަމުކުރެވުނު ކަމެއް ނޫނެވެ. ނަމަވެސް އެކަމެއް ހިނގާ، އެވާހަކަ މުޅި އިންޓަނެޓްއާއި ބައިނަލްއަގުވާމީ ޚަބަރުތައް ފަތަހަކުރިއެވެ.
މާ ގިނަ ދުވަހެއް ނުވެ، ދެން ލިބިގެންދިޔައީ 120000 ޑޮލަރަށް މި 'ކުރެހުން' ވިކުނު ސަބަބު ހުރިހާ މާނައެއްގައި 'ފަންނުވެރިއަކަށް' ހަޖަމުވި ޚަބަރެވެ. ތިޔަ ހީވީ ހަމަ ރަނގަޅަށެވެ. އޭނާ ހަމަ އެ ދޮންކެޔޮ ވައް ކާލީއެވެ.
އެއީ މިދިޔަ ހޮނިހިރު ދުވަހެވެ. އަގުބޮޑު ދޮންކެޔޮ ޑަކްޓް-ޓޭޕް ކުރެހުން ހަރުކޮށްފައި ހުރި ފާރުން އެއް ނައްޓާލައިގެން ކާލީ ޖޯޖިއާއަށް ނިސްބަތްވާ އިންސްޓަލޭޝަން އެންޑް ޕާފޯމަންސް އާޓިސްޓެއް ކަމަށްވާ ޑޭވިޑް ޑަތޫނާއެވެ. އެތައް ސަތޭކަ ބައެއްގެ މޫނު މަތީގައި ހައިރާން މާކާ ސުވާލު މާކު ޖައްސަމުންނެވެ.
މިހާ 'އަގުބޮޑު' ދޮންކެޔޮ ވަކެއް ކާލެވުނީތީ ދެރަނުވިތާ މައާފަށް އެދެންވެސް ބޭނުން ނުވާކަމަށް އޭނާ ދަނީ ބުނަމުންނެވެ.
އެކަން ކުރީ ކީއްވެތޯ މީޑިއާއިން ސުވާލު ކުރުމުން ފުރަތަމަ ވެސް ޑޭވިޑް ބުނި ވާހަކައަކީ އޭނާ ބަނޑުހައިވެފައި ހުރި ވާހަކައެވެ. ހަގީގީ ސަބަބު އައީ ދެނެވެ. ޑޭވިޑް ބުނީ އެއީވެސް ފަންނެއް ކަމަށެވެ. އޭނާވެސް ފަންނުވެރި ހުނަރެއް ދައްކާލީ ކަމަށެވެ. އެއީ މީހެއްގެ މުދަލަށް ގެއްލުން ދިނުން ކަމުގައި ޑޭވިޑް ޑަތޫނާ ގަބޫލެއް ނުކުރެއެވެ.
"ކޮމީޑިއަން"ގެ ނަން ދީފައިވާ ދޮންކެޔޮ ޑަކްޓް-ޓޭޕް އިޓަލީވިލާތުގެ މަޝްހޫރު ފަންނުވެރިޔާ މައުރީޓްޒިއޯ ކައްތިލާނޯގެ އުފެއްދުމެކެވެ. އޭނާއަކީ ބްލެނީމް ޕެލަސްގައި ބަހައްޓާފައި ހުރި "ރަން" ފާޚާނާ ތަށި އުފެއްދި ފަންނުވެރިޔާވެސްމެއެވެ. 18 ވަރަކަށް ކެރެޓްގެ ރަނާއެކު އޭނާ އުފެއްދި 6 މިލިއަން ޑޮލަރުގެ ފާހާނާ ތަށިވެސް ވަނީ މިއަހަރުގެ ކުރީކޮޅު ވަގަށް ނަގާފައެވެ.
ކައްތިލާނޯއަކީ އޭނާ ވަރަށް ގަދަރު ކުރާ ފަންނުވެރިއެއް ކަމަށާ، އޭނާގެ ކުރެހުމެއް ކާލުމަކީ ފަހަރެއްގައިވެސް އޭނާއަށް ބޭއިހުތިރާމު ކުރުން ނޫންކަމަށާ، ދޮންކެޔޮ ވަކެއްގައި ޑަކްޓް-ޓޭޕް އަޅައިގެން ކުރެހުމެއް އުފެއްދުމަކީ ވަރަށް 'ޖީނިއަސް' ހިޔާލެއް ކަމަށް ޑޭވިޑް ޑަތޫނާ ވަނީ ބުނެފައެވެ.
ޑަތޫނާ ބުނީ އޭނާ އެ ދޮންކެޔޮ ވައްކާލީ ވަރަށް ރާވައިގެން ކަމަށެވެ. އެއީ އެ ދޮންކެޔޮ ވައްކާލުމަކީ އޭނާގެ ހުނަރާ އުފެއްދުންތެރިކަން ކަމަށް ވާކާލާތު ކުރާ ޑަތޫނާ މި ފަންނަ ދީފައިވާ ނަމަކީ "ހަންގްރީ އާޓިސްޓް" ނުވަތަ 'ބަނޑުހައިވެފައިވާ ފަންނުވެރިޔާ' މި ނަމަވެ.
މި ހާއްސަ ދޮންކެޔޮވަކުގެ މައްސަލާގައި ޖަލަށް ދާންޖެހުނު ކަމުގައި ވީ ނަމަވެސް އެއްވެސް ޖެހިލުމެއް ނެތް ކަމަށް ޑަތޫނާ ވަނީ ބުނެފައެވެ.