ރެސްޓޯރަންޓްތަކަށް ވަދެ ނިކުމެ ހެދުމަށްޓަކައި އަންހެނުންނާ ފިރިހުންނަށް ވަކި ކުރެވިފައިވާ ދޮރޯށިތަކެއް ބަހައްޓަން ދެން ނުޖެހެނޭކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މިއީ 'ޒަމާނީ' ގައުމަކަށް އެ ގައުމު 'އިސްލާހު' ކުރުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ބޮޅެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާގެ ރެސްޓޯރަންޓްތަކުގައި އެންމެ މަދުވެގެން 2 ދޮރޯއްޓެއް ހުންނަޖެހެއެވެ. އެއީ އަންހެނުންނާ އެމީހުންގެ އާއިލާތަކަށް ހާއްސަ ދޮރަކާ، ފިރިހެނުންނަށް ހާއްސަ ދޮރެކެވެ. ކައިވެނީގެ ގޮތުން ނުވަތަ އާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް އަންހެނުންނާ ފިރިހެނުންނަށް އެކުގައި މިފަދަ ތަންތަނުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތެއް ސައުދީއިން އަދާ ޖެހެންދެން ދީފައެއް ނުވެއެވެ.

ކަންމިހެން އޮތްއިރު، އަންހެނުންނާ ފިރިހެނުންނަށް ހާއްސަކޮށް ވަކިކުރެވިފައިވާ ދޮރޯށިތަކެއް ބޭނުން ނުވާ އުސޫލު ނުސީދާ ކޮށް ތަންފީޒުކުރާތާ މިހާރު އަހަރެއްހާ ދުވަސް ވެފައިވާކަމަށް މެދުއިރުމަތީގެ ޚަބަރުތައް ބުނެއެވެ.

މި ބަދަލުތަކަކީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ތަރައްގީގެ އެޖެންޑާގެ ދަށުން ގެންނަމުންދާ ބަދަލުތަކެކެވެ. ސައުދީގެ ރަސްކަމަށް، ޒުވާން އެމްބީއެސް އިސްވެއްޖެނަމަ އޭނާ ވެގެންދާނީ ސައުދީގެ ރަސްކަމުގެ ހާންދާނަށް، އެއާއިލާގެ ދެވަނަ ޖީލުން އިސްކުރެވޭ ފުރަތަމަ ރަސްގެފާނަށެވެ.