މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 5 ޕަސެންޓްއަށް ވުރެ ބޮޑު އަދަދަކާ އެއްވަރުގެ އަދަދެއްގެ ފައިސާ އިސްރާފުވެގެންދަނީ ކޮރަޕްޝަންގެ އަނދަވަޅަކަށް ކަމަށް އދއިން ބުނެފިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން އދއިން އާންމު ކުރި ބަޔާނެއްގައި ވާ ގޮތުން، އަހަރެއްގެ މައްޗަށް 1 ޓްރިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޚަރަދުކުރާއިރު، ކޮރަޕްޝަންގެ ތެރެއިން ކުރާ ވައްކަމުގެ އަގު، ގާތްގަނޑަކަށް 2.6 ޓްރިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކާ ބެހޭ އދގެ އިދާރާ (ޔޫއެންޑީޕީ)ގެ ރެކޯޑްތައް ދައްކާ ގޮތުން ތަރައްގީގެ މަޝްރޫއުތަކަށް ރަސްމީ ސިފައެއްގައި ފޯރުކޮށްދޭ އެހީގެ މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދެއް ޚަރަދުވެގެން ދަނީ ކޮރަޕްޝަންގެ ވަބާގެ ތެރެއިންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އާބާދުތަކަށް ބަލާއިރު ކޮރަޕްޝަންއަކީ، އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ނޭދެވޭ ބޮޑެތި އަސަރުތަކެއް މުޖުތަމައުތަކަށް ކުރުވާ، ސީރިއަސް ޖިނާއީ ޖަރީމާއެކެވެ. ކޮރަޕްޝަންއާއި ދެކޮޅަށް ފުރިހަމައަށް ދިފާއުވެފައިވާ ހަމަ އެންމެ ގައުމެއްވެސް މި ދުނިޔެ މަތީގައި ނެތްކަން އދއިން ފާހަގަކުރެއެވެ.
ކޮރަޕްޝަންއާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހުގެ ޝިއާރު ކަނޑައަޅާފައިވާ، 'ކޮރަޕްޝަންއާއި ދެކޮޅަށް އެންމެން އެކަތިގަނޑަކަށް' ވުމުގެ ރޫހު ޕްރޮމޯޓްކުރުމުގެ މައްޗަށެވެ. މިއީ އދގެ 2030 ވަނަ އަހަރުގެ އެޖެންޑާގެ އަމާޒުތައް ހާސިލުކުރުމުގެ މުގުލުގައިވެސް އޮތް އަސާސެއް ކަމަށް އެއިދާރާއިން ބުނެއެވެ.
ކޮރަޕްޝަން ހުއްޓުވަން ތިބާއަށް ކުރެވޭނީ ކީއް؟
އެއީ ދިރިއުޅުމުގެ އާދާއެއް ކަމަށާ އެއީ ކޮންމެ ތަނެއްގައިވެސް ހިނގަމުންދާނެ ކަމެއްކަން ގަބޫލުކުރެވޭ ދަރަޖައަށް މުޅި ދުނިޔޭގައި މިހާރު ވަނީ ކޮރަޕްޝަންގެ ވަބާ ފެތުރިފައެވެ. ނަމަވެސް ކޮންމެ މުޖުތަމައަކާ، އެ މުޖުތަމައެއްގެ ވަކިވަކި ކޮންމެ ފަރުދަކީވެސް ކޮރަޕްޝަންއާއިއެކު ދެކޮޅަށް ތެދުވެވޭނެ މީހެއްކަން ގަބޫލުކުރަންޖެހެއެވެ. އެގޮތުން ފަރުދީ ނުވަތަ ޖަމާއަތުގެ ފެންވަރުގައި ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ.
- ކޮރަޕްޝަންއާއި ދެކޮޅަށް އެކުލަވާލާ، ގައުމުތަކުން ތަސްދީގުކޮށްފައިވާ މުއާހަދާތަކުން ސަރުކާރުތަކާ އޮފިޝަލުންގެ މައްޗަށް ލާޒިމުކުރާ ކަންކަން ދެނެގަނެ، އެކަންކަމަށް ފަރިތަވުން: މި ފަންތީގައި ކޮރަޕްޝަން ނައްތާލެވުމަކީ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ މަގު ތަނަވަސްވެގެންދާނެ ކަމެކެވެ.
- ކޮރަޕްޝަންއިން ސަލާމަތްވެފައިވާ ސަރުކާރެއް ދެމެހެއްޓުމަށްޓަކައި އެ ސަރުކާރުގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާތަކާ ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކޮށްދިނުން: އިންސާފުވެރި އަދި ހަމަހަމަ އަދާލަތަކީ ކޮންމެ މުޖުތަމައެއްގެ ހަމަޖެހުން އެކަމަކާ ގުޅިފައިވާ ބިންގަލެވެ.
- ކޮރަޕްޝަންގެ ސަބަބުން ގައުމީ ހިދުމަތްތަކާ ކުރިއެރުމާ ގުޅިންހުރި އެކި ދާއިރާތަކަށް ކުރާ ނޭދެވޭ އަސަރުތައް މީޑިއާގެ އެކި ޕްލެޓްފޯމުތަކާ އިޖުތިމާއީ ވެށީގައި ބަޔާންކޮށްދިނުން: ތާހިރު އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދެވުމުގެ އިޖުތިމާއީ ފައިދާ ނުހަނު ބޮޑެވެ.
- ތިބާއަށް އެނގުނު ވަރަކުން، ކޮރަޕްޝަންއާއި ދެކޮޅަށް ޒުވާނުންނާ ކުޑަކުދިންގެ ޖީލު ހޭލުންތެރިކޮށްދޭށެވެ. ކޮރަޕްޝަންއަކީ ކޮބައިކަމާ، ކޮރަޕްޝަންގެ ސަބަބުން ނިގުޅައިގަނެވިފައިވާ ހައްގުތައް ބަޔާންކޮށްދޭށެވެ. އަދި އެ ހައްގުތައް ހޯދަން ތެދުވާނެ ސުލޫކީ އަދި އުސްލޫބީ ހަމަތައް ދަސްކޮށްދޭށެވެ.
- ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ ނުވަތަ އެފަދަ ޝައްކެއް ވާނަމަވެސް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން: ގާނޫނުން ވެރިކަން ހިންގުމާ، ކޮންމެ ކަމެއްގެ މައްޗަށް ގާނޫނު ތަންފީޒުވެގެންދާނެ ވެއްޓެއް ގާއިމުކުރުމަށް އެހީވެދޭށެވެ.
- ގައިރު ގާނޫނީ ކަންކަމާ، ދެފުށްފެންނަ އުސޫލު ނޫން ގޮތް ގޮތަށް ހިންގާ ހަރަކާތްތަކަށް ނޫނެކޭ ބުނެ، އެފަދަ ކަންކަމުގައި ބައިވެރި ނުވާށެވެ.
- އަމިއްލަ ގެދޮރާ ކުދި ވިޔަފާރިތަކުން ފެށިގެން ބޭރު ތެރޭގައިވެސް ކޮރަޕްޝަންއާއި ދެކޮޅަށް 'ޒީރޯ-ޓޮލަރަންސް'ގެ އުސޫލު ގެންގުޅޭށެވެ.
- އިސްލާމް ދީނުގެ އަސާސްތަކުގައި ހިފަހައްޓާ، ތެދުވެރިކަމާ އަމާނާތްތެރިކަމަށް ލޯބިކުރާށެވެ.
ގައުމެއްގައި ކޮރަޕްޝަންގެ ވަބާ އަޝަގެންފި ނަމަ އެ ގައުމެއްގެ ކޮންމެ ފަރުދަކީ، އަދި އެމީހަކާ ގުޅުންހުރި ކޮންމެ މީހަކީ ކޮރަޕްޝަންގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. މިހާތަނަށް ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، ކޮރަޕްޝަންގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެންމެ ސީދާ ގޮތެއްގައި ކުރަމުންދަނީ ގައުމުތަކުގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއަށެވެ. މިކަން އެންމެ ބޮޑަށް ހިނގާ ދާއިރާތަކަކީވެސް މިއީއެވެ. އެހެންކަމުން، މިއިން ގިންތިއަކަށް ނުފެދޭ ފަރުދަކު ގައުމުގައި ނުހުންނާނެއެވެ.