މައިންބަފައިން ކަނޑައަޅާފައިވާ ގަވައިދުތަކާ ހިލާފަށް ރޭގަނޑުގެ ވަގުތުތަކުގައި ކޮޓަރިއަށް ފިރިހެން ކުދިން ވައްދަމުން ދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް އޭނާގެ މައިންބަފައިން އާދަޔާ ހިލާފު އަދަބެއް ދީފިއެވެ.
ކޮޓަރިއަށް ފިރިހެން ކުދިން ވެއްދުން މަނާކޮށްފައި ވަނިކޮށް އެކަން ކުރި މެޑަލީން ސަމްޕްޓާގެ މައިންބަފައިން އަދަބެއްގެ ގޮތުގައި 2 ކަމެއް ހުށަހެޅިއެވެ. ފުރަތަމަ ގޮތަކީ 1 މަސްދުވަސް ވަންދެން ސްމާޓްފޯންއަކާ ނުލާ އުޅުމެވެ. 2 ވަނަ ގޮތަކީ އޭނާގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްއެއްގެ 'ތަޅުދަނޑި' ، 2 ހަފުތާގެ މުއްދަތަކަށް މައިންބަފައިންނާ ހަވާލުކުރުމެވެ.
މެޑަލީން ހިޔާރު ކުރީ މިތަނުން ދެވަނަ ގޮތެވެ. މިއާއެކު 2 ހަފުތާގެ މުއްދަތަށް މެޑަލީންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހިންގަމުން ދިޔައީ އޭނާގެ މަންމައާއި ބައްޕައެވެ. އިންސްޓަގްރާމްއާއި ސްނެޕްޗެޓުން ފެށިގެން ގޮސް މިހާރު އެންމެ ގަދައަށް ޒުވާން ކުދިން ބޭނުން ކުރާ ޓިކްޓޮކްގައިވެސް ވެރިކަން ކުރަމުން ދިޔައީ މެޑަލީންގެ މައިންބަފައިންނެވެ. އެމީހުންގެ އަމާޒަކަށްވީ، އަދަބެއްގެ ގޮތުގައި ދަރިފުޅު ލަދުގަންނަވައިގެން ވިއަސް ގަވައިދާ ހިލާފަށް އުޅުން ހުއްޓުވާލުމެވެ.
ސޯޝަލް މީޑިއާގައި މައިންބަފައިން ވެރިކަން ކުރަން ފަށާ، 3 ވަނަ ޕޯސްޓް ކުރި ހިސާބުން ތަޅުދަނޑި އަނބުރާ ދިނުމަށާ، 1 މަސްދުވަހަށް ސްމާޓްފޯނު އަތުލާ ގޮތަށް އަދަބު ބަދަލު ކޮށްދިނުމަށް މެޑަލީން އެދުނެވެ. އެކަމަކުން މައިންބަފައިން ތިބީ ދަރިފުޅަށް ދޫ ދޭ ގޮތަކަށް ނޫނެވެ. ސޯޝަލް މީޑިއާ ހިންގަމުން ދަނީ މައިންބަފައިން ކަމަށާ، އެކަން ކުރަން ޖެހުނު ސަބަބުންވެސް އެމީހުން ވަނީ މެޑަލީންގެ ރަހުމަތްތެރިންނަށް ކިޔައިދީފައެވެ.
މެޑަލީންގެ މަންމަ ބުނީ، މިކަމާ އެންމެ ގަޔާވަނީ ބައްޕަ ކަމަށާ، އަދަބުގެ މުއްދަތަށް އޮތް 2 ހަފުތާ ނިމުމުން ބައްޕަގެ އަމިއްލަ ޓިކްޓޮކް އެކައުންޓްއެއްވެސް ފެނުން އެކަށީގެންވާ ކަމަށެވެ. މެޑަލީންގެ މައިންބަފައިން ސޯޝަލް މީޑިއާއަށް ދޫކުރަމުންދާ ހެއްވާ މަޖާ ޕޯސްޓްތަކުގައި، މެޑަލީންގެ ޅިޔަނަކުވެސް ދަނީ ބައިވެރިވަމުންނެވެ.
އަދަބެއް ދިނުމުގެ ގޮތުން މައިންބަފައިން ކުރި މަސައްކަތް 2 ހަފުތާ ފަހުން ނިންމާލި އިރު، މެޑަލީންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 2700 އިން 12700 އަށް އިތުރުވެފައެވެ. މިހާރު އުފެދިފައި އޮތް ބޮޑު ސުވާލަކީ، އޭނާގެ މައިންބަފައިން ހިންގާލި ފެންވަރަށް، މެޑަލީންއަށް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ހިންގާލެވިދާނެތޯ ކުރެވޭ ސުވާލެވެ.