އެމެރިކާގެ ފްލޮރިޑާ ހިންގަމުންދިޔަ ނޭވީ ބޭސްއަކަށް ހަމަލާ ދިން ސައުދީ މީހާއަކީ، ރޭގަނޑުގެ ކެއުމުގެ ވަގުތުގައި މާސް ޝޫޓިންގް ނުވަތަ ބަޑި ހިފައިގެން ކުއްލި ގޮތަކަށް ތަނަކަށް ވަދެ ހަމަލާދީ ގިނަ ބަޔަކު މަރާލުމުގެ ޖަރީމާ ހިންގާ ވީޑިއޯތައް ބެލި މީހެއް ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބަޑީގެ ހަމަލާތަކެއް ދީ، އެމެރިކާ ކަނޑުގެ އަސްކަރިއްޔާގެ 3 ސެއިލަރަކު މަރާލުމުގެ ޖަރީމާ ހިންގި ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މުޙައްމަދު އަލްޝަމްރާނީ އަކީ، އޭނާ ހަމަލާދިން ޕެންސަކޯލާ ބޭސްގައި ތަމްރީނު ހަދަމުން ދިޔަ ސައުދީ އަސްކަރިއްޔާގެ މެމްބަރެކެވެ.

އަލްޝަމްރާނީގެ ހަމަލާއަކަށް ޝިކާރައަކަށްވެ މަރުވީ ޖޯޝުއާ ކާލެބް ވޮޓްސަން، 23، މުޙައްމަދު ސާމިހު ހައިތަމް، 19، އަދި ކެމެރަން ސްކޮޓް ވޯލްޓާޒް، 21އެވެ.

ީ ޖޯޝުއާ ކާލެބް ވޮޓްސަން، (ކ) އަދި މުޙައްމަދު ސާމިހު ހައިތަމް ވެސް މަރުވީ ޕެންސަކޯލާ ބޭސްގައި ސައުދީ މީހާ ދިން ބަޑީގެ ހަމަލާތަކުގައި/ފޮޓޯ: ޑޯޓަންފަސްޓް

ހަމަލާ އަމާޒުވި ބޭސްގައި ތަމްރީނު ވަމުން ދިޔަ ސައުދީގެ އެހެން ސެއިލަރުންނާވެސް މި ހާދިސާއާއި ގުޅިގެން ސުވާލު ކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

އަލްޝަމްރާނީ، މާސް ޝޫޓިންގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ބަލާ، އެފަދަ މަންޒަރުތައް އޭނާއާ އެކުގައި ތިބި އެހެން މީހުންނާ ހިއްސާކޮށް ހަދާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައި ކަމަށް ދައުރަވަމުންދާ ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އަލްޝަމްރާނީގެ އައިޑެންޓިޓިއާ ދިމާވާ ޓްވިޓާ ހޭންޑްލްއަކުން، އެމެރިކާއާއި ދެކޮޅު ޕޯސްޓްތަކެއްވެސް، ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކޮށްފައިވާ ކަމަށް އޮންލައިން މޮނިޓަރިންގް ގުރޫޕަކުން ވަނީ ބުނެފައެވެ.

ޕެންސަކޯލާ ބޭސްގައި ސައުދީން ކީއްކުރަނީ؟

ޕެންސަކޯލާ ބޭސްއަކީ ބޭރުގެ އަސްކަރީ ފައުޖުތަކަށް ވައިގެ އުދުހުންތަކުގެ ތަމްރީނު ފޯރުކޮށްދޭ މަރުކަޒެކެވެ. ސައުދީގެ އަސްކަރީ ޕައިލެޓުން މި ބޭސްގައި ތަމްރީނުތައް ހަދަން ފެށީ 1995 ވަނަ އަހަރުއެވެ. ސައުދީ އަރަބިއްޔާގެ އިތުރުން އިޓަލީވިލާތާއި، ސިންގަޕޫރު އަދި ޖަރުމަނުވިލާތުގެ އަސްކަރީ ޕައިލެޓުންވެސް ތަމްރީނު ހާސިލުކުރަނީ ޕެންސަކޯލާ ބޭސްގައެވެ.

ޚަބަރު ލިބޭ ގޮތުގައި މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުން 200 ދަރިވަރަކު ދަނީ ޕެންސަކޯލާ ބޭސްގައި ތަމްރީނު ވަމުންނެވެ. މި ބޭސްއަކީ އެމެރިކާ އަސްކަރިއްޔާގެ 16000 ސިފައިންނާއި މަދަނީ އާންމުންގެ 7400 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ބޭސްއެކެވެ.

ޕެންސަކޯލާ ބޭސްގައި ދިން އަލްޝަމްރާނީއަކީ ސައުދީ ވައިގެ އަސްކަރިއްޔާގެ ސެކަންޑް ލެފްޓިނެންޓްއެކެވެ.

އެމެރިކާއާއި ސައުދީގެ ގުޅުމަށް ވީ ކިހިނެއް؟

އެމެރިކާއާއި ސައުދީ އަރަބިއްޔާއަކީ ދެބަސްވެވެން ނެތް ގޮތުގައި ގާތް ގުޅުމެއް ބަދަހި ކުރަމުންދާ ދެ ގައުމެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، ޕެންސަކޯލާ ހަމަލާއާ ގުޅިގެން ސައުދީގެ ސަލްމާން ރަސްގެފާން، ތައުޒިޔާ ދެންނެވުމަށް ޓްރަމްޕަށް ގުޅުއްވި ކަމަށެވެ. އަދި ހަމަލާ ދިން މީހަކީ، ސައުދީއާއި އެމެރިކާއާ ދެމެދު އޮތް 'ލޮބުވެތި' ގުޅުން ރަމްޒުކޮށްދެވޭ ވަރުގެ ހާލެއްގައި ހުރި މީހެއް ނޫންކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވި ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

އެެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (ވ)އާއިއެކު/ފޮޓޯ: ރޮއިޓާޒް

ކަންމިހެން އޮތް އިރު، އެމެރިކާގެ ދިފާއީ ވަޒީރު މައިކް އެސްޕާ ވިދާޅުވީ، މިއީ "ޓެރަރިޒަމް"ގެ ހަމަލާއެއްގެ ގޮތުގައި އަދި ސިފަނުކުރައްވާނެ ކަމަށެވެ. ޑިފެންސް ފޯރަމްއެއްގައި ވާހަކަ ދައްކަވަމުން އެސްޕާ ވަނީ، ހާދިސާ ތަހުގީގު ކުރެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް އަދި ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިއީ އެމެރިކާގެ އަސްކަރީ ތަމްރީނު ދޭ މަރުކަޒުތަކެއްގައި އެއް ހަފުތާއެއްގެ ތެރޭގައި މިފަދަ ހަމަލާތަކެއް ދިން 2 ވަނަ ފަހަރެވެ.