އަންހެން ކުދިން ރޭޕްކޮށް މަރާލުމުގެ ސިލްސިލާއެއް ފެށިފައިވާ އަވަށްޓެރި އިންޑިއާގައި އަނެއްކާވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު މިފަހަރު މަރާލައިފައިވަނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. މިކުއްޖަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން ކުއްޖާއާއި، އެކުއްޖާގެ ރަހުމަތްތެރިންގެ ބާރުގެ ދަށުގައި ތަނެއްގައި ރަހީނުކޮށްގެން ދުވަސްތަކަކު ގެންގުޅުމަށް ފަހު، ރޭޕްކޮށް، ދިރިހުއްޓާ ގައިގައި ހުޅުޖެހުމުގެ ސަބަބުން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދިޔަ ކުއްޖެކެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު އަންހެން ކުއްޖާ، މާ ގިނައިރުތަކެއް ނުވެ މަރުވެފައި ވާއިރު، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ޚަބަރި ލިބެއެވެ.

ދެކުނު ތްރިޕޫރާ ސަރަހައްދުގައި ހިނގި މިހާދިސާގައި އަންހެން ކުއްޖާގެ ހަށިގަނޑުގެ 90 ޕަސެންޓް ފިހިފައި ވާއިރު، އެކުއްޖާގެ ގައިގައި ރޯކޮށްލާފައި ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން ކުއްޖާއާއި އެ ފިރިހެން ކުއްޖާގެ މަންމަކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އަންހެން ކުއްޖާ ފާއިތުވީ 2 މަހެއްހާ ދުވަސް ހޭދަކޮށްފައި ވަނީ ލޯބިވެރިޔާގެ ގޭގައި ރަހީނެއްގެ ގޮތުގައެވެ. އެ ފިރިހެން ކުއްޖާގެ ރަހީނެއްގެ ގޮތުގައި އަންހެން ކުއްޖާ ގެންގުޅެމުން ދިޔައީ މިނިވަންކަމުގެ ބަދަލުގެ ގޮތުގައި މާލީ މަންފާ ހާސިލުކުރުމުގެ މަގުސަދުގައި ކަމަށް ޚަބަރު ލިބެއެވެ. ފުލުހުން މައުލުމާތު ދިން ގޮތުގައި، އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންގިސްފައި ވަނީ އަވަށްޓެރިންތަކެއްގެ މަސައްކަތުންނެވެ.

17 އަހަރުގެ އަންހެންކުއްޖާގެ މަރުގެ ޚަބަރު ފެތުރިގެން ދިއުމާއެކު، އާންމުންގެ ބަޔަކު ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން ކުއްޖާއާއި، ހުޅުޖެހި މަންމައަށް ހަމަލާދީފައެވެ.

އަންހެން ކުއްޖާގެ އާއިލާއިން ބުނީ އެކުއްޖާގެ މިނިވަންކަމުގެ ބަދަލެއްގެ ގޮތުގައި 50000 ރުޕީޒް ދިނުމަށް ފިރިހެން ކުއްޖާގެ އާއިލާއިން ޑިމާންޑް ކުރަމުން ދިޔަ ކަމަށާ، ނަމަވެސް އެއާއިލާއަށް އަދި ޖަމާކުރެވުނީ އެންމެ 17000 ރުޕީޒްކަމަށެވެ. ރުޅިއައިސްގެން އަންހެން ކުއްޖާގެ ގައިގައި ހުޅުޖެހީ މި ސަބަބާ ހެދި ކަމަށް އަންހެން ކުއްޖާގެ އާއިލާއިން ތުހުމަތުކުރެއެވެ.

އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ފިރިހެން ކުއްޖާ ގެންގޮސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ފުލުހުން މައުލުމާތު ދޭ ގޮތުގައި 17 އަހަރުގެ އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާ ދިމާވީ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުންނެވެ. އަދި ފިރިހެން ކުއްޖާއާއެކު އެ އަންހެން ކުއްޖާ އަމިއްލަ އިހުތިޔާރުގައި އަމިއްލަ ގެ ދޫކޮށް ދިޔައީ، ކައިވެންޏަށް އެދިގެން އެ ފިރިހެން ކުއްޖާ އައި ހިސާބުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަމިއްލަ އިހުތިޔާރުގައި އަންހެންކުއްޖާ ދިއުމުން ފިރިހެން ކުއްޖާގެ ރަހީނެއްގެ ގޮތުގައި އަންހެން ކުއްޖާ ގެންގުޅެމުން ދިޔައީ ފިރިހެން ކުއްޖާގެ ރަހުމަތްތެރިންނާވެސް އެއްބައިވެގެން ކަމަށާ، އެކުއްޖާ ރޭޕްކުރުމުގެ އަމަލުވެސް ހިންގަން ފެށީ އެހާ ހިސާބުން ކަމަށް ފުލުހުންވަނީ ތަފްސީލު ކޮށްދީފައެވެ.

އަންހެންކުއްޖާގެ އާއިލާއިން ބުނީ މާލީ ބަދަލަށް ދެވުނު އަދަދާ މެދު ފިރިހެން ކުއްޖާގެ އާއިލާއިން ހިތްހަމަނުޖެހިގެން ހަމަނުޖެހުން ހިންގި ކަމަށާ، ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުންވެސް ސީންއަށް އެޓެންޑްވެފައި ނުވާކަމަށެވެ. އަންހެންކުއްޖާއާ ދެން ބައްދަލުވީ ހޮސްޕިޓަލުގައި ކަމަށާ، އޭރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އާއިލާއާއި ހަވާލާދީ އިންޑިއާގެ ޚަބަރުތައް ބުނެއެވެ.