ވެރިފަރާތެއް ނެތް "އެމްވީ ސީ ހޯމް ސެފަޔާ" ނައްތާލަން ކުންފުންޏަކާ ހަވާލު ކުރި މައްސަލައިގައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅަން ލަފާ ދިނުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

"އެމްވީ ސީ ހޯމް ސެފަޔާ" އަކީ ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓެކެވެ. މިއީ އެ ފަޅުގައި އަޅަފައި އޮތް ބޯޓަކަސް ވެރިއަކު ނެތް ބޯޓެކެވެ. މި ބޯޓު ނައްތާލުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ކުންފުންޏަކާ ހަވާލު ކުރި މައްސަލަަ އަންނަނީ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ވަނީ މި މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

ތިލަފުށި ފަޅުތެރެއިން ބޯޓު ނަގައި ނައްތާލަން ޖީއެމްއައިިޒެޑްއެލުން ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ޝަރުއީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާއި ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ދީފައިވާ ލަފާތަކާ މުޅިން ހިލާފަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏާ ބޯޓު ނަގަން ހަވާލު ކުރި އިރު އެ ކުންފުނި ރަޖިސްޓްރީ ކުރިތާ ވީ 1 ދުވަސްކަން ވަނީ އެނގިފައެވެ. އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީއެވެ.

މި މައްސަލަ ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން ފެށީ ކޯޓުން މިކަމާ ގުޅޭ މައްސަލަ ނިމޭ ގޮތަކުން ދައުލަތުން އަނެއްކާވެސް ބޮޑު މާލީ ބަދަލެއް ކުންފުންޏަކަށް ދޭން ޖެހިދާނެ ކަމުގެ ބިރު އޮތުމުން، ކަން ހިނގައިދިޔަ ގޮތް ބެލުމަށެވެ.

މި ބޯޓުގެ މައްސަލައާ ގުޅިގެން ޖީއެމްއައިިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) ވިދާޅުވެފައި ވަނީ ބޯޓުގެ މައްސަލާގައި ހުރިހާ ކަމެއް ކޮށްފައިވާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ ކުންފުނިން ތަންފީޒު ކުރީ ކޯޓު އަމުރެއް ކަމަށާއި އެ ކޯޓު އަމުރު ތަންފީޒު ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ސިޓީ ލައިގެން އެކަމުގައި އަމަލު ކުރަންވީ ގޮތް ހޯދި ކަމަށް އިބޫ ވަނީ އެސްއޯއީ ކޮމެޓީގައިވެސް އަދި އެހެން ޕްލެޓުފޯމްތަކުގައި ވެސް ވިދާޅުވެފައެވެ.

އެހެންނަމަވެސް އިއްޔެ ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސައިން ވިދާޅުވީ ގްރޭޓާ މާލޭ ކުންފުންޏަށް ހުއްދަ ދިނީ ފަޅު ތެރެއިން ބޯޓު ނަގަން ކަމަށެވެ. ނަމަވެސް ބޯޓު ކަފާލާ، އަދި ބޯޓު ނައްތާލަށް ފިނޭންސް މިނިސްޓްރީން އެއްވެސް ހުއްދައެއް ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖީއެމްއައިިޒެޑްއެލްއިން އެދުނީ އެ ބޯޓު ފަޅުތެރެއިން ނެގުމުގެ ހުއްދަ ދިނުމަށް ކަމަށާއި އެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެހެންނަމަވެސް ފިރުޒުލްގެ އެ ވާހަކަތައް ޖީއެމްއައިިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު ދޮގު ކުރެއްވިއެވެ. ވިދާޅުވީ ބޯޓާ މެދު އަމަލުކުރާނެ ގޮތަކާ މެދު ގްރޭޓާ މާލެ ކުންފުނިން ދެކޭ ގޮތް ބަލަން ފިނޭންސުން އެއް ފަހަރަކު ފޮނުވި ސިޓީގެ ޖަވާބުގައި "ތަސައްރަފްކޮށް" ނައްތާލުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވުމުން ކޮމެޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ "ތަސައްރަފު" ކުރުން އެއީ ބޯޓު ނައްތާލުމަށް ކަމަށް މާ ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އެމްޑީ އިބްރާހީމް ރަޝީދު ވިދާޅުވީ އޭގެ މާނަ އޭނާއަށް އަންގައި ދިނީ އޭރު ޖީއެމްއައިޒެޑްއެލްގެ ގާނޫނީ ވަކީލަކަށް ހުންނެވި ބޭފުޅާ ކަމަށެވެ. އަދި އެ ބަހަކީ އަރަބި ބަހެއް ކަމަށާއި އެ ބަސް ދިވެހި ބަހަށް ތަރުޖަމާ ކުރެވިގެން އަންނައިރު ކަފާލުން ކަމަށް ބެލެވޭ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އޭނާގެ އެ ވާހަކައަކަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމެވެ.

މި ބޯޓުގެ މައްސަލަ ބޮޑުވެފައިވާއިރު އޮޑިޓާ ޖެނެރަލް (އޭޖީ) އޮފީހުން އަންނަނީ އެ ކުންފުނީގެ އޮޑިޓެއްވެސް ހަދަމުންނެވެ.

ޕާކަވަންއާ އެކު ޖީއެމްއައިޒެޑްއެލްއިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމައެވެ. އެއީ، ގްރޭޓަ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އުޅެނީ 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ)އެވެ. މި ފައިސާ ދައްކަން ދައްކަން ގްރޭޓާ މާލެ އަށް އެންގީ ފަސް ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގައި ފައިސާ ނުދިނުމުން މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައި، އެކަން ގްރޭޓާ މާލެ ކުންފުންޏަށް އަންގައިފައެވެ.