އިރާގުގެ މައި ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ނަސްރުގެ މައިދާނުގެ ގޮތުގައި ބަލަމުން އަންނަ ތަހްރީރު ސްކޮއާ ސަރަހައްދުގައި ހުކުރު ދުވަހު ހިންގި ކުރިމަތިލުންތަކެއްގައި 19 މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ.

ސިއްހީ އަދި ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި ކޮންބައެއްކަން ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ތިބި ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި މުޒާހަރާގެ ބައިވެރިންނާއެކު ބަގުދާދުގައި 19 މީހަކު މަރާލިއިރު އޭގެ ތެރޭގައި ފުލުހުންގެ 3 އޮފިސަރަކުވެސް ހިމެނެއެވެ.

އިރާގުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން/ފޮޓޯ: ޚާލިދު އަލް-މޫސިލީ

ތަހްރީރު މައިދާނާ ދާދި ކައިރީގައި ބަދަލުކުރި ބަޑީގެ ހަމަލާތަކާ ތޫނު ހަތިޔާރު ހިފައިގެން ހިންގި ކުރިމަތިލުންތަކުގައި 70އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށްވެސް އިރާގުގެ ފުލުހުންވަނީ ހާމަކޮށްފައެވެ.

ހުކުރު ދުވަހަކީ 2 މަހެއްހާ ދުވަސްވީ އިރާގުގެ މުޒާހަރާ ދުށް އެންމެ ލޭ އޮހުރުވުންތައް ގިނަ، އަދި އެންމެ ހަމަނުޖެހުންތައް ބޮޑުވި ދުވަސްކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ. ހުކުރު ދުވަހާ ހަމައަށް އައިރު މުޒާހަރާތަކުގައި މީހުން މަރުވެފައިވަނީ، މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި ކަމަށް ވީނަމަވެސް، ކޮންބައެއްކަން ނޭނގޭ ބަޔަކު ހުކުރު ދުވަހު ދިން ހަމަލާތަކާއެކު އިރާގުގެ މުޒާހަރާތަކުގެ އޮއެވަރު، ނުރައްކާތެރި މިސްރާބަކަށް ބަދަލުވަމުންދާ ކަމަށް މުރާސިލުން ވަނީ ބުނެފައެވެ.

އިރާގުގެ ސަރުކާރާ ދެކޮޅަށް އިރާގުގައި މުޒާހަރާތައް ފެށީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން އަދާ ހަމައަށް އައިއިރު، މުޒާހަރާތަކާ ގުޅިގެން ހިންގި އެކި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ މައްޗަށް އަރާފައެވެ.