މީގެ ދޮޅުހަފުތާއެއްހާ ދުވަސް ކުރިން އިންޑިއާގެ ހައިދާރު އާބާދުގައި ޒުވާން އަންހެނަކު ރޭޕްކޮށް، އަންދާލި މަރާލި ހާދިސާއާއި ގުޅިގެން ތުހުމަތުގައި ހައްޔަރުކޮށްފައިވާ 4 ފިރިހެނުން މަރާލައިފިއެވެ.

ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ޕްރިޔަންކާ ރެޑީ ރޭޕްކޮށް މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި 4 މީހުންގެ ގަޔަށް ބަޑިޖަހާ މަރާލީ އިންޑިއާ ފުލުހުން ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާ ފުލުހުން ބުނި ގޮތުގައި 4 މީހުންގެ ގަޔަށް ބަޑިޖަހާ މަރާލަން ޖެހުނީ، ޖަރީމާ ހިންގި ސީންއަށް އެމީހުން ގެންދިއުމުން، ފުލުހުންގެ އަތުން ހަތިޔާރު އަތުލުމަށް ފަހު ފިލަން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ.

ހައިދަރުއާބާދު ޕޮލިސް ކޮމިޝަނަރު ވީޗީ ސައްޖަނާރު ވިދާޅުވީ، ޖަރީމާ ހިންގި ސީންއަށް 4 މީހުން ގެންދިޔައީ ހާދިސާ ހިނގާދިޔަ ގޮތް ދެނެގަތުމަށް ބޭނުންވާ އިތުރު ތަފްސީލުތައް އެއްކުރުމަށްޓަކައި ހާލަތު 'ރީކޮންސްޓްރަކްޓް' ކުރުވުމަށެވެ.

ސީންއަށް ގެންދިއުމުން ފުލުހުންގެ އަތުގައި ހުރި ބަޑިތައް އަތުލައިގެން ފިލުމަށް އެމީހުން މަސައްކަތް ކުރި ކަމަށާ، މި ކުރިމަތިލުމުގައި ފުލުހުންގެ 2 މީހަކުވެސް ޒަހަމްވި ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ޕްރިޔަންކާގެ މަރާ ގުޅިގެން ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މުޙައްމަދު އަރީފު، 26، ޖޯލޫ ޝިވާ، 20، ޖޯލޫ ނަވީން، 20، ޗިންތަކުންތަ ޗެންނާކެޝާވުލޫ، 20، އެވެ. މީގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވާ 2 މީހުން ތިއްބެވެ. ގާ ބަރުކޮށްގެން ދިޔަ ޓްރަކްގައި ތިބި 2 މީހުންނާ ޝީވާ އާއި ޗެންނާކެޝާވުލޫ ދިމާވަނީ ކަމަށާ، ނުބައިވެގެންވާ ޖަރީމާ ހިންގިއިރު މި 4 ފިރިހެންނުންވެސް ތިބީ ރާބޮއެ، އަމަލުގެ ހާލަތުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަންހެނުން ރޭޕްކޮށް މަރާލުމަކީ ޒަމާނުއްސުރެ އިންޑިއާގައި ހިންގަމުން އަންނަ ޖަރީމާއަކަށްވާއިރު، މިފަހަކަށް އައިސް މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދާދީ، ގާތިލުންނާއި ޖިނާއި ކުށްވެރިންނަށް ހަރުކަށި އަދަބު ދިނުމަށް ނިކުންނަށް އިންޑިއާ އާންމު ރައްޔިތުންގެ އަދަދުވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.