ކައުންސިލަރުން ވަކި ނުކުރެވޭ ގޮތަށް ހަދައި ބިލް ފާސްކޮށްފިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޗެއާޕާސަން އަލީ ނިޔާޒެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް މަޖިލިހުގެ ކޮމިޓީ އަށް ފޮނުވުމުން ބޮޑެތި ބަދަލުތަކެއް ގެނައެވެ. އަދި އެ ބިލް ފާސް ކުރީ މަޖިލިހުގެ ތަޅުމަށް ހުށަހެޅި ގިނަ އިސްލާހުތަކާ ވެސް އެކުގައެވެ.
ކޮމެޓީން ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ކައުންސިލަރުން ވަކި ކުރުުމުގެ ބާރު މަޖިލީހަށް އޮތުމެވެ. ނަމަވެސް އެ ބަދަލު ބިލު ފާސްކުރިއިރު ވަނީ އުވާލާފައެވެ. އެގޮތަށް އެ މާއްދާ އުވާލީ ލާމަރުކަޒު ގާނޫނު ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ހުށަހެޅި އިސްލާހެއްގައެވެ.
އެހެންކަމުން އެ އެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ބަދަލުކުރަން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފު ވަނީ މިއަދުގެ ޖަލްސާގައި އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހުގައި މޭޔަރުންނާއި ކައުންސިލްގެ ރައީސުންނާއި މެމްބަރުން ވަކިކުރުުގެ ބާރު އެއްވެސް ބަޔަކަށް ދިނުމަށް ނިންމާފައެއް ނުވެއެވެ.
މިއަދު އިސްލާހު ފާސް ކުރީ 75 މެންބަރުންގެ ވޯޓުންނެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި އޮތީ ކައުންސިލަރެއްގެ މައްސަލަ ބެލުމަށްފަހު ތިން މަސްދުވަހަށް ސަސްޕެންޑު ކުރުމުގެ ބާރު އެލްޖީއޭ އަށް ދޭ ގޮތަށެވެ.މީގެއިތުރުންވެސް އާބާދީއަށް ބަލާ 60،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބެންޖެހޭ ގޮތަށް ބިލަށް ވަނީ އިސްލާހު ގެނެސްފައެވެ. މި ގޮތަށް ބިލަށް އިސްލާހު ގެނައީ ބިލު ދިރާސާ ކުރަމުން ދިޔައިރުއެވެ. އެހެންކަމުން ދެން އޮންނަ ކައުންސިލް އިންތިހާބެއްގައި ވެރިރަށް މާލެ ސިޓީގައި 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެއެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކްލަ ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެލްޖީއޭގެ ބޯޑު މެންބަރުންގެ އަދަދު 9 މެންބަރުންނަށް އިތުރު ކުރުމަށްވެސް ވަނީ ހިމަނާފައެވެ. މިހާރު އެ ބޯޑުގައި ތިބެނީ 5 މެންބަރުންނެވެ.