2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، އިސްރާއީލުން ގައްޒާގައި ހިންގަން އުޅެ ފެއިލްވި ޖާސޫސީ އޮޕަރޭޝަންއަކާ ބެހޭ އާ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.

މި އޮޕަރޭޝަންއަކީ މިދިޔަ އަހަރުގެ ފަހުކޮޅު އިސްރާއިލާއި ގައްޒާއާ ދެމެދު ބަދަލު ކުރެވިގެން ދިޔަ ރޮކެޓް ހަމަލާއާއި، ވައިގެ ހަމަލަތާކުގެ ފެށުން ކަމަށް ބުނެވެއެވެ.

ޖާސޫސީ އޮޕަރޭޝަން

އިސްރާއީލުން ޖާސޫސީ އޮޕަރޭޝަން ހިންގުމަށްޓަކައި އިސްރާއީލުގެ 8 އޭޖެންޓަކު، ފަލަސްތީނުގެ މީހުންގެ ގޮތުގައި ހަރަކާތްތެރި ވަމުންދިޔައެވެ. އެމީހުން ބޭނުން ކުރަމުން ދިޔައީ ގައްޒާގެ އާއިލާއަކަށް ނިސްބަތްވާ މެމްބަރުންގެ ނަންތަކެކެވެ. އެމީހުން ގައްޒާ ތެރެއަށް ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަލް ޖަޒީރާއިން ގެނެސްދޭ 'ޓިޕް އޮފް ދި އައިސްބާގް' ޕްރޮގްރާމްގައި ހާމަކޮށްފައިވާ ގޮތުގައި މި އޭޖެންޓުންގެ ޒިންމާއަކަށްވީ، ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސްއިން މުވާސަލާތު ކުރުމަށް ގެންގުޅޭ ޕްރައިވެޓް ލައިން މެދުވެރިކޮށް ދައްކާ ވާހަކަތައް މޮނިޓާކުރާނެ ޑިވައިސްތަކެއް ޕްލާންޓް ކުރުމެވެ.

އިސްރާއީލުން ޣައްޒާއަށް ދީފައިވާ ވަރުގަދަ ހަމަލާއެއް/ފޮޓޯ: އޭއެފްޕީ

އޮޕަރޭޝަން މުޅިން ފުރިހަމަ ނުވެ އުޅެނިކޮށް، ހަމާސްގެ ޕެޓްރޯލް ޔުނިޓްތަކުގެ ސަމާލުކަމަށް މި އޭޖެންޓުން އެރިއެވެ. އަދި ހާން ޔޫނުސްގައި އެމީހުންނާ 40 މިނެޓް ވަންދެން ސުވާލުކުރިއެވެ. ލިބުނު ޖަވާބުތަކުން ހަމާސްއަށް ޝައްކުތަކެއް ކުރެވުނެވެ. ހަމަނުޖެހުންގަނޑު ފެށުނީ މިހާ ހިސާބުންނެވެ. ދެބައި މީހުންގެ ދެމެދުގައި ހަމަލާ ބަދަލު ކުރަމުން ގޮސް ހަމާސް ޖަމާއަތުގެ ކޮމާންޑަރާއި އިސްރާއީލީ ޖާސޫސީ ޔުނިޓްގެ އިސް އޭޖެންޓްވެސް މަރާލިއެވެ.

ޖާސޫސީ ޔުނިޓްގެ މަސައްކަތް ހަމާސްއަށް ފަޅާއެރުމާއެކު ހަމަނުޖެހުންތަކެއް ހިންގި ނަމަވެސް ހަމާސްއަށް ލިބުނު ކުރިއެރުމެއް އޮތެވެ. އެއީ އިސްރާއީލުގެ ޖާސޫސީ އޭޖެންޓުން ބޭނުން ކުރަމުން ދިޔަ ވޭންއެވެ. އެ ވޭން މެދުވެރިކޮށް، ހަމާސްއިން ވަނީ އިސްރާއިލުގެ ޔުނިޓްތަކުގެ ތެރޭގައި ދެކެވެނު ވާހަކަތައް އަޑުއަހާ، އެކަމުގެ އެންމެ އަޑީގައި ތިބި ފަރާތްތައްވެސް ހޯދާފައެވެ.

ހަގީގީ އަޑުތަކާ މަންޒަރުތައް ހިމަނައިގެން އަލްޖަޒީރާއިން ތައްޔާރުކުރި ޕްރޮގްރާމް ދުރަށް ފޮނުވާފައި ވަނީ މިހަފުތާގެ ތެރޭގައެވެ.