އޮންލައިންކޮށް ކުރާ ވިޔަފާރިތައްވެސް ރަޖިސްޓްރީކުރަންޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި އެވެ.
މި އިސްލާހު ތަސްދީގުކުރުމުގެ ކުރިން ގާނޫނު އޮންނަގޮތުން، ރަޖިސްޓްރީ ކޮށްގެން ހިންގަންޖެހޭނީ އޮފީހެއް ނުވަތަ ފިހާރައެއް ތަނެއް ހުޅުވައިގެން ވިޔަފާރި ކުރާނަމަ އެވެ. ނަމަވެސް މި އިސްލާހާއެކު، ކުރާ ވިޔަފާރީގެ ބަޔެއް ފިހާރައެއް ނުވަތަ ހިދުމަތެއް އޮންލައިންކޮށްވެސް ދެވޭނީ ރަޖިސްޓްރީ ކޮށްގެންނެވެ. މީގެ އިތުރުން ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕް ގާނޫނުގެ ދަށުން ޕާޓްނާޝިޕެއް ގޮތުގައި ރަޖިސްޓްރީކޮށްގެން ނޫނީ ބިދޭސިންނަށް ވިޔަފާރި ނުކުރެވޭނެ ގޮތަށް އޮންނަ އޮތުމަށް ބައެއް ވަނީ އިތުރު ކޮށްފަ އެވެ.
އާ އިސްލާހާއެކު ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ރަޖިސްޓްރީކޮށްގެން ނޫންގޮތަކަށް ބިދޭސިންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނީ ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެންނެވެ. މީގެ އިތުރުން ވިޔަފާރިކުރާ ތަންތަނުގެ ދަފްތަރެއް ގާއިމް ކުރަންޖެހޭނެ ކަމަށާއި ވިޔަފާރިތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެ ނިޒާމެއް ރެޖިސްޓްރާ ގާއިމް ކުރަންޖެހޭނެ ކަމަށް އާ އިސްލާހުގައި ވެއެވެ. މީގެ އިތުރުން ވިޔަފާރީގެ ނަން ކިޔުމުގައި އަމަލު ކުރާނެ އުސޫލުވެސް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ވިޔަފާރިތަކަށް ނުކިޔޭނެ ނަންތަކާއި ނުކިޔޭނެ ސަބަބުތައް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.