ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފަނޑިޔާރު ޣަނީ ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާސާކޮށް ނިންމަވާފައިވާ ގޮތުގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރަން ފެންނަ ކަަމަށް މަޖިލީހުގެ ތަޅުމުން ނިންމީ 64 މެންބަރުންގެ ވޯޓުންނެވެ. ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.

ފަނޑިޔާރު ޣަނީގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން)ވެސް އަންނަނީ ބަލަމުންނެވެ.ފަނޑިޔާރު ކަމުން ޣަނީ ވަކި ކުރުމާއެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބި ކުރީގެ ހުރިހާ ފަނޑިޔާރުން ބަދަލުކޮށް ނިމުނީއެވެ. ދާދިފަހުން ވަނީ އެކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާއަށް ފޮނުވި ނަންތައް މިހާރުވަނީ މަޖިލީހަށް ފޮނުވާފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާނު އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދުގެ ނަން ވަނީ މަޖިލީހަށް ފޮނުވާފައެވެ.