ރާއްޖޭގެ ޖަލުތަކަށް ތާސްބައި ވެއްދޭނެ ކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އެ ހުއްދަ ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ރާއީ ވިދާޅުވީ ޔާމީނަށް ހައްގު އަދަބު ލިބި، އެމަނިކުފާނަށް ތާސްބައި ފަދަ ތަކެތި "ފަނޑުވުމެއް" ނެތި ބަރާބަރަށް ކުޅުއްވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.

"ޔާމީނަށްވެސް ހައްގު އަދަބުލިބި އެބޭފުޅާވެސް ޖަލުގެ ތެރޭގައި އެބޭފުޅާއަށް ކުޅެވޭނެ ގޮތް، ތާސް ބައެއް އެއްޗެއް ނަމަވެސް، އެކަހަލަ އެއްޗެސް ފަނޑުވުމެއްނެތި ބަރާބަރަށް ފޯރުކޮށްދީ، އެއްވެސް ކަހަލަ ފަރަގު ކުރުމެއްނެތި ޖަލުގެ ތެރޭގައި ހިތްހަމަ ޖެހިގެން އުޅެވޭނެ ގޮތް ހަމަޖެހިގެން ދިއުން،" ރާއީ ވިދާޅުވިއެވެ.

ރާއީގެ ވާހަކައާ ގުޅިގެން ނަޝީދު ވިދާޅުވީ ޖަލު ތަކަށް ތާސްބައި ވެއްދޭނެ ކަމަށާއި އެ ހުއްދަ ލިބޭނެ ކަމަށެވެ. އެކަން އެމަނިކުފާނު ވަރަށް ފުރިހަމައަށް ދަންނަ ކަމަށެވެ.

"ޖަލުތަކަށް ތާސްބައި ވެއްދޭ، ގަވާއިދުން އެކަން ކުރެވޭނެ، ގެއިން ގާތްތިމާގެ މީހަކު ނުވަތަ އަނބިދަރިންނަށް ވިޔަސްވެސް، ކަރެކްޝަންސް އިން އެކަމާ ގުޅޭގޮތުން ލިޔާ ސިޓީއަކުން އެހުއްދަ ލިބޭނެ، އެކަން އެއީ ތަރުތީބުން އިންތިޒާމުންވާ ކަމެއް، އަދި އަޅުގަނޑު ވަރަށް ފުރިހަމައަށް ދަންނަ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ބައެއް މެމްބަރުން ޔާމީން ދޫކޮށްލަން ގޮވާލައްވައި މަޖިލީހުގެ ޖަލްސާ ތަކުގައި މިހާރު ކުރިއަށް ގެންދާ އިހްތިޖްތަކާއި ގުޅިގެން ރާއީ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމުން މަޖިލީހުން ފެނިގެންދަނީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ މެންބަރުން އުފާ ފާޅުކުރަމުންދާ މަންޒަރު ކަމަށެވެ.

ރާއީ ވިދާޅުވި ގޮތުގައި، އިދިކޮޅު މެންބަރުންގެ ފަރާތުން ފެންނަނީ މިނިވަން ވެފައިވާ އިހުސާސްތަކެއްގެ ތެރެއިން އުފާވެރި ޝުއޫރުތައް ކަމަށެވެ. އެއުފާވެރި ކަމުގައި ބައިވެރިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔާމީން ހުކުމް ތަންފީޒް ކުރައްވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ. އަދި ޔާމީނަށް ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖަލުގައި ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން އަންނަނީ ފޯރުކޮށްދެމުން ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.