ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިދިން ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްކަމަށް ރައީސް ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ސާއިދަށް، ރައީސް ސާލިހް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވަމުން ނެވެ. ސާއިދާއި ފޯނުން ގުޅުއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ސާއިދު ހޯއްދެވި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިއީ މި މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސްވަނީ ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ސާއިދު ދައްކަވަމުން ގެންދަވާ ހިތްވަރަށް ސާބަސް ދެއްވައި އޭނާ ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ސާއިދުކުރަމުން ގެންދާ މަސައްކަތްތަކާއި މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ މި ގޮތުގައި ދެމިހުންނެވުމަށް އިރުޝާދު ދެއްވައި ކުރިއަށް އޮތް ތަނުގައި ގަދައަޅައި މަސައްކަތް ކުރެއްވުމަށް އޭނާއަށް ހިތްވަރު ދެއްވާފައެވެ.

ސާޢިދު ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރު ރިލޭ ދުވުމުގައެވެ. ސާކްގެ ހަތް ޤައުމުން އެތުލީޓުން ވާދަކުރާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ކުރިއަށްދަނީ ނޭޕާލްގައެވެ.