އިންޑިއާގެ ތާރީހީ ޖައްވީ މިޝަން 'ޗާންދްރަޔާ-2' ގެ ޖައްވީ އުޅަނދު، 'ވިކްރަމް'ގެ ބައިތައް ހަނދުގެ ސަތަހައިން ފެނިފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)އިން ބުނެފިއެވެ.

ނާސާއިންވަނީ، ހަނދަށް ޖައްސަން އުޅުމުގެ ތެރޭގައި، އެންމެ ފަހުވަގުތު ބިމާ ގުޅުން ކެނޑުނު 'ވިކްރަމް'ގެ ބައެއް ބައިތައް ފެންނަ ކަމަށް ބުނާ ތަސްވީރެއްވެސް އާންމުކޮށްފައެވެ.

ނާސާއިން ޓްވީޓް ކުރި ފޮޓޯއަށް ބަލާއިރު 'ވިކްރަމް' ހަނދަށް ވެއްޓުނު ސަރަހައްދާއި، އެ ވަށައިގެންވާ ހިސާބުތަކަށް ބުރައިގެން ގޮސްފައިވާ 'ވިކްރަމް'ގެ ބައިތައް ވަނީ ފާހަގަކޮށްފައެވެ. 'ވިކްރަމް'ގެ ބައިތައް 24 ހިސާބަކުން ފެނިފައިވާއިރު، މިއީ އެތައް ކިލޯމީޓަރެއްގެ ބޮޑު ސަރަހައްދެއް ކަމަށްވެސް ނާސާއިން ބުނެއެވެ.

އިންޑިއާގެ ޖައްވީ މިޝަން

ހަނދަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު 'ވިކްރަމް'ގެ ބައިތައް ހޯދުމަށް ނާސާއިންވަނީ އާންމުންގެ އެހީތެރިކަންވެސް ހޯދާފައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނާސާއިންވަނީ 'ވިކްރަމް' ވެއްޓުނު ކަމަށް ބުނާ ސަރަހައްދުގެ ފޮޓޯތަކެއް އާންމުކޮށް، ޖައްވީ އުޅަނދުގެ ބައިތައް ފާހަގަކޮށްދިނުމަށް އާންމުންނަށް ފުރުސަތު ދީފައެވެ. އެގޮތުން 'ވިކްރަމް'އިން ބުރައިގެން ދިޔަ ބައިތަކުން ބައެއް ކާމިޔާބު ކަމާއެކު އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ، ޝަންމޫގާ ސުބްރަމާނިއަން ނަމަކަށް ކިއާ މީހެއް ކަމަށް މައުލުމާތު ލިބެއެވެ.

އިންޑިއާގެ ޖައްވީ މިޝަން "ޗާންދްރަޔާ-2"އަކީ، ހަނދަށްދިޔަ 4 ވަނަ ގައުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ހިންގި ވަރުގަދަ އޮޕަރޭޝަންއެކެވެ. ނަމަވެސް މިޝަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހަނދަށް ދަތުރުކުރުމުގެ ރެކޯޑް އޮންނަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާގެ އަތުގައެވެ.