ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ޗެއާ ކުރައްވާ ފުޓްބޯލް އެސޯސިއެޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނެޝަނަލް ޓީމް ކޮމެޓީ އުވާލައިފިއެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނެޝަނަލް ޓީމު ކޮމިޓީ މިއަދުން ފެށިގެން އުވާލާފައިވަނީ މިއަހަރު ދެން އިތުރަށް ރާއްޖޭގެ އެއްވެސް އުމުރުފުރައެއްގެ ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ނެތުމުގެ ސަބަބުން ކަމަށެވެ.

ނެޝަނަލް ޓީމް ކޮމިޓީއަކީ ނެޝަނަލް ޓީމުތައް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތަކުގައި އެހީތެރިވެދިނުމުގެ ގޮތުން މި އެސޯސިއޭޝަނުން އެކުލަވާލި ކޮމިޓީއެކެވެ. އެގޮތުން އެ ކޮމިޓީން ވަނީ، ރާއްޖޭގެ ޖޫނިއާ ޓީމުތަކުން ފެށިގެން ސީނިއާ ޓީމުތަކާއި ހަމައަށް، ނެޝަނަލް ޓީމުތަކުން ކުރަންޖެހޭ ހުރިހާ ކަމެއްގައި އެގްޒެކެޓިވް ކޮމިޓީއަށް ލަފާދީފައެވެ.

ނެޝަނަލް ޓީމު ކޮމެޓީން އުވާލުމާއި އެކު އެފްއޭއެމުން ވަނީ އެ ކޮމެޓީގެ މެންބަރުންނަށާއި އަދި ހާއްސަކޮށް ކޮމެޓީގެ ޗެއާމަން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ދިވެހި ފުޓްބޯޅައަށް ކޮށްދެއްވި މިންނެތް މަސައްކަތަށް އެ އެސޯސިއޭޝަންގެ ނަމުގައިއާއި މުޅި ފުޓްބޯޅަ އާއިލާގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.