މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސޫރިޔާގެ އިދްލީބު ޕްރޮވިންސް ސަރަހައްދުގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި 100 އެއްހާ ހަނގުރާމަވެރިން މަރަލާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ސޫރިޔާގެ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާއާއި ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ހިންގާތާ 48 ގަޑިއިރުވީއިރު 96 ހަނގުރާމަވެރިއަކު މަރާލާފައިވާކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން މައުލުމާތު ދެއެވެ.

މިހާރު ބަދަލު ކުރަމުންދާ ހަމަލާތަކަކީ ސޫރިޔާގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ބާރުދޭ އެއްބަސްވުމެއް، ރަޝިޔާ އިސްވެ އޮވެ މިއަހަރުގެ އޯގަސްޓް މަހު އެކުލަވާލި ފަހުން ސޫރިޔާގައި ހިންގަމުންދާ އެންމެ ވަރުގަދަ ކުރިމަތިލުންތައް ކަމަށްވެސް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެއެވެ.

މަރުވި ހަނގުރާމަވެރިންގެ ތެރޭގައި ސޫރިޔާގެ އަސްކަރިއްޔާއަށް އެއްބާރުލުންދޭ 51 ހަނގުރާމަވެރިންނާ، އިދިކޮޅު ޖިހާދީ ފިކުރުގެ ހަނގުރާމަވެރިންނަށް ނިސްބަތްވާ 45 މީހަކު ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ސޫރިޔާގެ ހަނގުރާމައިގެ ތެރެއިން ހިންގާ ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި މަރުވާ މީހުންގެ އަދަދެއް، އެ ގައުމުގެ ސަރުކާރުން މިހާރު ރަސްމީ ސިފައެއްގައި ހާމައެއް ނުކުރެއެވެ.

އިދްލީބް ޕްރޮވިންސް ހިމެނޭ ސަރަހައްދަކީ ސޫރިޔާގެ 8 އަހަރުވީ ދާހިލީ ހަނގުރާމާގައި ގެދޮރު ގެއްލުނު ގިނަ އަދަދެއްގެ މީހުންނާއެކު އެގައުމުގެ ގާތްގަނޑަކަށް 3 މިލިއަނެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ސަރަހައްދެކެވެ.

ކަންމިހެން އޮތްއިރު، ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ހަރަކާތްތެރިވާ ފައުޖުގެ އިދިކޮޅު ހަނގުރާމަވެރިން އެންމެ ފަހުން ތިބި ސަރަހައްދަކީވެސް އިދްލީބް ޕްރޮވިންސް ސަރަހައްދެވެ.