ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމު ހޯދުމަށް ފައިވިއްދާފައި އޮތް ޗައިނާގައި ދެން މޯބައިލް ފޯނުގެ ހިދުމަތް ދޫކުރާނީ ކަސްޓަމަރުންގެ މޫނު ސްކޭންކޮށް ރަޖިސްޓްރީ ކުރުމަށް ފަހުގައި ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅައިފިއެވެ.

މިއީ ޗައިނާގައި އިންޓަނެޓް ބޭނުން ކުރާ ފަރާތްތައް ދެނެގަތުމަށް އެގައުމުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރި ފިޔަވަޅެއް ނަމަވެސް، މިކަން އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާފައިވަނީ މިއަދުއެވެ.

ޗައިނާ ސަރުކާރުން ބުނީ އިންޓަނެޓްގެ ދުނިޔޭގައި އުޅޭ އެންމެހާ ފަރުދުންގެ ހުރިހާ ހައްގެއް އެންމެ ފުރިހަމައަށް ހިމާޔަތްކޮށްދިނުމަކީ އެ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ.

ޗައިނާއިން މިހާރުވެސް ދަނީ އެގައުމުގެ އާބާދީއާއި ގުޅުންހުރި ސާވޭތަކެއް ހެދުމަށްޓަކައި ފޭޝަނަލް ރެކޮގްނިޝަން ޓެކްނޮލޮޖީ، ނުވަތަ މޫނު މަތީގެ ސިފަތަކަށް ބަލައިގެން އެއީ ކާކުކަން ދެނެގަތުމުގެ ޓެކްނޮލޮޖީ ބޭނުން ކުރަމުންނެވެ.

ކަންމިހެން އޮތްއިރު، މިއީ އަނެއްކާވެސް ޗައިނާގެ ސަރުކާރުގެ ދަށަށް އާންމުންގެ ބޮޑު ކޮންޓްރޯލްއެއް ގެންގޮސް، އާންމުންގެ ޒާތީ މައުލޫމާތު ސަރުކާރުގައި ރައްކާކުރުމަށް ކޮށާ މަގެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންވެސް ޗައިނާގެ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ މާކެޓަކީ ޗައިނާ ކަމުގައި ވީ ނަމަވެސް، މި ރޮނގުން އެގައުމުގައި އަޅާފައި އޮންނަނީ ސަލާމަތީ ގޮތުން މަދު ފިޔަވަޅުތަކެކެވެ. އެގޮތުން މޯބައިލް ފޯނު ހިދުމަތް ހޯދަން ދާއިރު، އެއީ ކާކުކަން އަންގައިދިނުމަށް ނުވަތަ ހިދުމަތް ދޫކުރެވޭ ކަސްޓަމަރަކީ ކާކުކަން ކަށަވަރު ކުރުމަށް ހަރުދަނާ އުސޫލެއް މިހާތަނަށް އެގައުމުގައި ނެތެވެ.