އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިރޭ މާލޭގައި ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން، އެ ކޯލިޝަންގެ އިސް ބައެއް ފަރާތްތައް ހައްޔަރުކޮށްފިއެވެ. .
މި މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ލަތީފާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި، ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަބްދުﷲ މުހައްމަދު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ޕްރޮގްރެސިވް ޕާޓީީއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް، މިރޭގެ މުޒާހަރާގައި ހައްޔަރު ކޮށްފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ އިސްފަރާތްތައް ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފައެވެ. އިދިކޮޅުން ބުނީ އެޕާޓީން ކުރިއަށް ގެންދާ ހަރަކާތްތައް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވަންދެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މުޒާރަހާތައް އިދިކޮޅު ފަރާތްތަކުން ކުރުމަށް ނިންމާފައިވާ މައިގަނޑު ބޭނުމަކީ ރައީސް ޔާމީން ޖަލަށް ލާފައި ވާތީ އެކަމާމެދު ހުރި ކަންބޮޑުވުން ތަކަށް އަޑުއުފުލުމަށް ކަމަށް އިދިކޮޅުން ބުނެއެވެ.
ރޭ ވެސް އިދިކޮޅު ފަރާތްތަކުން ވަނީ މާލޭ ޖަލު ސަރަހައްދުގައި އިހުތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖުއި ބައެއް ފަރާތްތައް ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން އެމީހުން ވަނީ ދޫކޮށްލާފައެވެ.