ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކައް މޮޑުއްވަމުން ގެންދަވާ ފުއްގަނޑެއްހެން ޖުޑީޝިއަރީއާ މެދު ކަންކަން ކުރަމުންދާ ކަމަށް ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމް ގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ ގާނޫނީ ވަކީލް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ރައީސް ޔާމީނުގެ މައްސަލަ އިސްތިއުނާފް ކުރުމުން އެކަމުގައި ހައި ކޯޓުން ކަނޑައަޅާނީ އަދި ރައީސް ޔާމީނުގެ ފަސް އަހަރު ދުވަހުގެ ހުކުމަށް އަދި އެއް އަހަރު އިތުރުކުރަން ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ. ޝަމީމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ހާމަކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު މިހެން ވިދާޅުވުމުން ޖުޑީޝިއަރީއަށް ނުފޫޒު އޮންނަވަރު ވަޒަން ކުރެއްވޭ ކަމަށެވެ.

އެއަށް ރައްދުދެއްވައި ނާޒިމް ސައްތާރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފަވަނީ، އޭނާއަށް އެހެން ވިދާޅުވުމުގެ އިހުތިޔާރު ނޯންނާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި ނަމަ ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމް މިހާރު ކޮށްފައިވާ ހުކުމަށް ވުރެ އިތުރުކުރައްވާނެ ކަމަށްވެސް ނާޒިމް ސައްތާރު ވިދާޅުވިއެވެ. އަދި އޭގެ މައިގަނޑު އެއް ސަބަބަކީ ރައީސް ޔާމީނަކީ ގައުމުގެ އެންމެ އިސްވެރިއެއްގެ މަގާމުގައި ހުންނަވައި ބާރުގެ ނުފޫޒު އެންމެ ނަހަމަ ގޮތުގައި ހިއްޕަވައި އެންމެ ބޮޑެތި ވައްކަމުގެ ތެރެއިން ވައްކަން ކުރައްވާފައިވާ ފަރާތަކަށް ވެފައި، އެކަމުގެ އަދަބު މިއަށް ވުރެން ބޮޑު ވާން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ނާޒިމް ސައްތާރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މި ހުކުމް ހައިކޯޓުގައި މިހާރުވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.