ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަސައްކަތް ކުރައްވަނީ ހުސްވެފައިވާ ޕީޕީއެމްގެ ރައީސްކަމުގެ މަގާމް ހޯއްދަވަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިގޮތަށް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން ބައެއް ސިޔާސީ ލީޑަރުން ޖައްސަވާ ހިސާބު ގޯސް ކަމަށް ޖަމީލު ކުރެއްވި ޓްވީޓަށް ރައްދުދެއްވައެވެ. ރައްދު ދެއްވައި ޓްވީޓް ކުރައްވައިފައި ވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ނައިބް ލީޑަރު އައިމިނަތު ނާދިރާގެ ކުރެއްވި ޓްވީޓަށެވެ.
ނާދިރާގެ ޓްވީޓްގައި ވަނީ ރައީސް ޔާމީން މާލެ ފަސްގަނޑުގައި ބަހައްޓައިގެން އިދިކޮޅު މީހުންނަށް ކަމުނުގޮސްގެން އުޅޭ ކަމަށެވެ. އަދި އެމީހުން ވަރަށް އަޑި ނުބައި ކަމަށްވެސް ނާދިރާ ވިދާޅުވިއެވެ.
އެ ޓްވީޓަށް ރިޕްލައި ކުރައްވާ ހަސަން ލަތީފް ވިދާޅުވީ ޕީޕީއެމްގެ ރައީސް ކަމުގެ މަގާމް ހުސްވެއްޖެ ކަމަށާއި ދެން އޮތީ އެމަގާމާ ހެދި ހިފުން ކަމަށެވެ. ޖަމީލްވެސް އުޅުއްވަނީ އެކަމާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ޖަލުތަކާ ޕެރޯލްގެ ގާނޫނުނަށް ގެނައި އިސްލާހާއެކު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލު ބަންދުކުރެވިފައި ހުންނަ މުއްދަތުގައި އެ މީހަކަށް ސިޔާސީ ޕާޓީއެއްގެ އެެއްވެސް މަގާމެއްގައި ނުހުރެވޭނެއެވެ. ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެއާއެކު ގާނޫނުގެ ދަށުން ޕާޓީގެ ރައީސްކަމުގެ މަގާމު އެމަނިކުފާނަށް ގެއްލޭނެއެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ. އަދި ޕީޕީއެމްގެ ރައީސް އަކީ އަދިވެސް ޔާމީން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ތަލަ ބޮލަށް ކިއެއްތަ.،