މިފަހުން އިންޑިއާ ސިއްސުވާލި އެންމެ ހިތާމަވެރި ހަރަބަކީ ޖަނަވާރުތަކަށް ފަރުވާ ކުރަމުން ދިޔަ، އުމުރުން އެންމެ 27 އަހަރުގެ އަންހެން ޑޮކްޓަރެއް ރޭޕްކޮށް، އިހާނެތި ގޮތަކަށް މަރާލި ޚަބަރެވެ. ހައިދަރުއާބާދުގައި ހިނގާދިޔާ މި ހާދިސާއާއިއެކު ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން އެންމެ ބާރާއެކު އަޑުއުފުލަމުންދަނީ ބޮލީވުޑްގެ ސެލެބްރިޓީއިންނެވެ.

އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު ފަރުހާން އަހުތަރު ބުނި ގޮތުގައި މި ހާދިސާއަކީ، އިންޑިއާގެ މުޖުތަމައު އިންތިހާއަށް ނުރައްކާވުމަށް ދޫކޮށްލައިގެން އޮތް އޮތުން ހަނދާންކޮށްދޭ، އަނދިރި ހަނދާނެއް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އަކްޝޭ ކުމާރު ބުނީ، އިންޑިއާގެ މުޖުތަމައު ހަލާކުގެ ތެރެއަށް ގެއްލިގެންދާކަމުގެ އިހުސާސް އޭނާއަށް ކުރެވޭ ކަމަށެވެ.

މިފަހަކަށް އައިސް އުފައްދަމުންދާ ފިލްމުތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ 32 އަހަރުގެ ބަތޮލާ ރިޗާ ޗައްދާ ބުނީ، ޝިކާރަވެރިންގެ އަތްދަށުވި ޕްރިޔަންކާ ރެޑީއަށް ހެދުނު ހަމައެކަނި ގޯހަކީ، އޭނާގެ ސައިކަލު މަރާމާތު ކުރަން ފިރިހެނުންތަކަކާ ހަވާލު ކުރެވުނު ކަމެވެ. އެމީހުންގެ ޝިކާރައަކަށް ޕްރިޔަންކާ ރެޑީ ހަދާލީ އޭނާގެ އިތުބާރު ހޯދުމަށްފަހުގައި ކަމަށާ، އެމީހުން އޭނާއާއި މެދު އަމަލުކުރި އިންސާނަކާ މެދު އަމަލު ކުރާނެ އުސޫލަކުން ނޫންކަމަށެވެ. ޕްރިޔަންކާ ރެޑީއަށް ހަމަލާ ދިނުމަށް ރޭވި މީހުންނަށް އެންމެ ހަރުކަށި އަދަބު ދެވެންޖެހޭނެ ކަމަށާ، އެމީހުންނަކީ އިންޑިއާގެ މުޖުތަމައުއަށް ނިސްބަތްވާ ބައެއް ނޫންކަމަށް ރިޗާ ޗައްދާ ވަނީ ބުނެފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިމައްސަލައާއި ގުޅިގެން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.