މީހަކަށް އަނިޔާއެއްދީފައި ނުވަތަ ހިޔާނާތްތެރިވެފައި އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، މީހަކަށް އަނިޔާއެއްދީފި ދުނިޔެމަތީގައި އަދަބު ލިބުމަކީ މިއަދުވެސް ދުނިޔެ ދައްކަމުން އަންނަ ހަގީގަތެއް ކަމަށާއި ޔަގީނުން ވެސް އާހިރަތުގައި އެކަމުގެ އުގޫބާތާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ތިމާއަކީ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައިވީ ނަމަވެސް އަބަދުވެސް އަޒުމަކަށް ވާންވީ އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައި އެކަމެއް ކުރުން ކަމަށެވެ. އަދި އަނެކުންގެ ހައްގެއް އެކުލެވޭ ނަމަ އެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

"އަދި އެއްވެސް މަގާމެއްގައި ތާއަބަދު ތިމާއަށް ނުހުރެވޭނެކަން ގަބޫލުކޮށް ނުރަނގަޅު އަމަލުތަކުން ދުރުހެލިވުމަށް، އަޅުގަނޑުމެން ފަހަރެއްގައި ވެސް ހިތަށް އަރުވައިގެން ނުވާނެ މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ހިޔާނާތްތެރިވެފައި ތިމާއަށް އުފަލާ އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެ ކަަމަށް،" ނައިބް ރައީސް ވިދާޅުވިއެވެ.

އަޒުމަކަށްވާންވީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަަށް ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެންމެންގެ މަސްލަހަތާއި ހައްގުތައް ރައްކާތެރި ކުރުމަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތަކީ އިސްލާމްދީން ކަމަށާއި ނަމަވެސް ދިވެހިންނަށް ލިބިފައިވާ މި ނިއުމަތުން ވަކިކުރުމަށް ތަފާތު އެތައް މަސައްކަތްތަކެއް، އެކި ގޮތްގޮތުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެއް ބަޔަކު މަސައްކަތް ކުރަނީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް ދީނުގެ ކަންކަމަށް ހަދައިގެން ދީނުގެ ސިފަ ހުތުރުކުރުމަށް ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

"އިސްލާމް ދީނުގެ ނަމުގައި މީހުން މަރައި، މީހުންގެ މުދާ ފޭރި، ކުޑަކުދިންގެ އިއްފަތްތެރިކަން ނަގައިލުމުގެ އަމަލުތަކެއް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކުރޭ، އަދި އެފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަދައްކާ ބަޔަކުވެސް އުޅޭ، ނަމަވެސް އިސްލާމުދީނުގައި ކަން އޮތީ އެހެންނޫން، އިސްލާމްދީނަކީ މީހުންނަށް އޯގާތެރިވެ ހަމްދަރުދީވުމަށް، އަދި ކުޑަކުދިންނާއި ދުވަސްވީ މީހުންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް، އެންމެބޮޑަށް ބާރުއަޅާ އަގީދާ އަދި ދީން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ އިސްލާމް ދީނުގެ އުސޫލުތައް ގަބޫލުނުކޮށް، މި ދީނުގެ ކަންކަމަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ ވެސް މި ފަސްގަނޑުގައި ޖާގަދެވިގެންވާނެ ކަންކަމެއް ނޫން ކަމަށެވެ. އިސްލާމީ އަގީދާގައި ސާބިތުވެ ތިބެ، އަގީދާ އާއި ދީނަށް އިހާނެތިކޮށް ހިތައި ފުރައްސާރަކުރުމަކީ ތަހުޒީބު މުޖްތަމައުތައްވެސް ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.

"މިކަންކަމާ ދެކޮޅަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުން، އެގޮތުން އިސްލާމީ ރިވެތި އަހްލާގާއި ސުލޫކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމާއި އެންމެހައި އުޅުންތަކާއި ގުޅުންތައް، އިސްލާމް ދީނުގެ އިމުގެ ތެރޭގައި ބައްޓަންކުރުން މުހިންމު،" ނައިބް ރައީސް ވިދާޅުވިއެވެ.

އެންމެންގެ އަޒުމަކަށްވާންވީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި އަމަލުތައް ބަހައްޓައި، ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން ކަމަށެވެ. އަދި އެންމެންގެ މަސްލަހަތާއި ހައްގުތައް ރައްކާތެރިކުރުން ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.