ފާއިތުވީ 2 މަހެއްހާ ދުވަހު އިރާގުގައި ދިގުލާ ގޮސްފައިވާ ސަރުކާރާ ދެކޮޅު ސިލްސިލާ މުޒާހަރާތަކުގައި 400 އެއްހާ މީހުންގެ ފުރާނަ ގެއްލުނު ފަހުން، މަގާމުން އިސްތިއުފާ ދެއްވަވާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހުދީ ހާމަކުރައްވައފިއެވެ.

ލިޔުމުން ދެއްވި ބަޔާނެއްގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަން އާދިލް ހާމަކުރެއްވުމާއެކު، އިރާގުގެ ތަހްރީރު (ނަސްރުގެ) މައިދާނުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ އުފާ ފާޅުކުރަން ފަށާފައެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އިރާގުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަކީ ސަރުކާރު ކޮރަޕްޓްވެފައި ވާ ކަމަށާ، އާންމު ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް ޑިމާންޑްކޮށް، ކުރަމުންދާ މުޒާހަރާތަކެކެވެ.

އިރާގުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އަމިއްލަފުޅަ ހާމަކުރެއްވި އާދިލް އަބްދުލް މަހްދީ/ފައިލް ފޮޓޯ: 1ބީޔޫވީ

އިރާގުގެ އިސް އިމާމެއްގެ ގޮތުގައި ބަލަމުން އަންނަ އާޔަތުﷲ އަލީ ސިސްތާނީ ހުކުރު ދުވަހު ދެއްވި ހުތުބާގައި، އިރާގުގެ ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައްވާފައިވަނިކޮށް ސިސްތާނީ އާންމުކުރެއްވި ކިތާބީ ބަޔާނުގައި ވިދާޅުވީ، ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ބަޔާން ކުރައްވާ ސިޓީފުޅެއް ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

ބޮޑު ވަޒީރު އާދިލް މިފަދަ ބަޔާނެއް ނެރުއްވާފައި ވަނީ، ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް، އިރާގުގެ ސިޔާސީ ޝަހްސީ ހައިސިއްޔަތު ލިބިފައިވާ އެކި ފަރާތްތަކުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ އޮއެވަރެއް ފެށިގެން ދިޔައީ ސިސްތާނީގެ ހުތުބާއަށް ފަހުގައި ކަމަށް ޚަބަރު ލިބެއެވެ.