ސަރުކާރާ ދެކޮޅަށް އިރާގުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ވަރުގަދަވެ ކުރިމަތިލުންތަކާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 340 އަށްވުރެ މައްޗަށް އަރާފައިވާއިރު، އެގައުމުގައި އުފެދިފައިވާ މަދަނީ ބަސްނޭހުން ކޮންޓްރޯލް ކުރުމަށްޓަކައި އަސްކަރިއްޔާއިން "ކާރިސީ ސެލްތަކެއް" ގާއިމުކުރަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މިއަދުގެ މިހާ ހިސާބަށް އާދެވުނު އިރު މިއަދު އެކަނިވެސް 8 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. މި މީހުން މަރުވެފައިވަނީ އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގައި ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ސާލަމާތީ ބާރުތަކުން ލައިވް ވަޒަން ބޭނުންކުރުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިރާގުގެ މަގުތަކަށް އެތައް ސަތޭކަ ހާސް ބަޔަކު ނިކުމެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދަނީ ސަރުކާރު ތެރޭގައި އުފެދިފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލާ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން އާންމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްދިނުމަށް ޑިމާންޑް ކުރަމުންނެވެ.

އިރާގު އަސްކަރިއްޔާއިން ބުނީ މުޒާހަރާތައް ހޫނުވުމުގެ ސަބަބުން އާންމު ހާލަތަށް މަސްރަހު ރުޖޫއަ ކުރުމަށްޓަކައި އަސްކަރީ ކޮމާންޑަރުންވެސް މިހާރު މަގުތަކަށް ނެރެފައިވާނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް ރިއާޔަތްކޮށް ސަރުކާރުން ކޮންމެވެސް ވަރެއްގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، އިރާގުގެ ރައްޔިތުން ބުނަމުންދަނީ އަދިވެސް އެމީހުންގެ ޑިމާންޑްތަކަށް އިޖާބައެއް ނުލިބޭ ކަމަށެވެ.

އިރާގުގެ ރައީސް ބަރްހަމް ސޯލިހު ވަނީ، ހުރިހާ ފަރާތްތަކަކަށް އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އާދިލް އަބްދުލް މަހްދީ، ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާ، އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖެއްސޭނެ ކަމަށް ވިދާޅުވެފައެވެ.