ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ޕްރޮސިކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުމަށް މިހާރު ކުރާ މަސައްކަތްތަކީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޖީ، އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޕްރޮސެސް ކުރިއަށް ގެންގޮސްދިނުމަށް ޖުޑިޝަރީ ކޮމިޓީއިން ފާސްކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި އެ ކޮމިޓީއަށް ޖަވާބުދާރީވުމަށް މިއަދު ހެނދުނު 11:00 އަށް އެ ކޮމެޓީއަށް ހާޒިރުވުމަށް އެކަމަނާއަށް ވަނީ އަންގާފައެވެ.

ކޮމިޓީއަށް ހާޒިރުވުމުގެ ނޯޓިހާ ގުޅިގެން ޕީޖީ އޮފީސް މެދުވެރިކުރައްވާ އޭނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ބިޝާމް ވިދާޅުވެފައި ވަނީ އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމެޓީން ފަށާފައިވާ މަސައްކަތަކީ އިޖުރާއަތްތަކާ އެއްގޮތަށް ހިންގޭ މަސައްކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ފަށާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބިޝާމް ވިދާޅުވީ ޕީޖީގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ހުއްދަ ދިން އިރު، އޭނާ މަގާމުން ވަކިކުރަން ޖެހޭ ސަބަބުތައް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ތަޅުމުގައި ވިދާޅުވި ސަބަބުތަކާ، ޖުޑީޝަރީ ކޮމިޓީގައި މައްސަލަ ދިރާސާކުރައްވަމުން ގެންދެވި އިރު، ކޮމިޓީގެ މެމްބަރުން ވިދާޅުވަމުން ގެންދެވި ސަބަބުތައް އެއްގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި މަހުގެ 20ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕީޖީ އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމީ، ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ދައުވާ ކުރުމުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާތީ ކަމަށެވެ.

އެ ޖަލްސާގައި ޖުޑީޝަރީ ކޮމެޓީން ޕީޖީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާ ރައީސް ނަޝީދު ވަނީ ގާނޫނުއަސާސީގައި ޕީޖީގެ މަގާމުން ވަކިކުރެވޭނެ ހާލަތު ބަޔާންކޮށްފައިވާ މާއްދާ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އަދި އެ މާއްދާ އިއްވުމަށްފަހު ނަޝީދު ވިދާޅުވީ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައަކީ މަޖިލީހުގެ މެންބަރުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެއް އަހަރުވެގެން ދިޔައިރުވެސް އެކަށީގެންވާ ރަނގަޅު ޕްރޮސިކިއުޝަނެއް ހިންގާފައިވާތަން ފެނިފައި ނުވާކަން މެންބަރުންނާއި ވާހަކަދައްކަވާ ލެއްވުމުން މެންބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ޕީޖީގެ މަގާމުން އެކަމަނާ ދުރުކުރަން މެންބަރުން ބޭނުންވަނީ އެ ސަބަބާ ހެދި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މަރުތަކާއި ގުޅޭ އެކިއެކި ރިޕޯޓު މި މަޖިލީހަށް ހުށަހެޅި ބަހުސް ކުރެވިފައިވެއްޖެ. ލިޔުންތެރިޔާ ރިލްވާން މަރާލުމާއި ގުޅިގެން އެކަމާ ގުޅޭ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާ ދިނުމަކީ މި މަޖިލީހުގެ މެންބަރުންގެ ވަރަށް ބޮޑު އެދުމެއްކަން ވަރަށް ސާފުކޮށް އެބަ އިނގޭ. މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މި ވާހަކަތައް ތަކުރާރުކޮށް އެބަ ދެކެވޭ. އަދި އެހެންވެސް ވައްކަމާ ފަސާދައާ އަނިޔާއާ ޓެރަރިޒަމްގެ އަމަލުތަކާއި ހައްދު ފަހަނަ އަޅާ ދިއުމުގެ އަމަލުތަކާއި މީގެއިން އެއްވެސް ކަމަކާއި ގުޅިގެން ޕްރޮސިކިއުޝަނެއް ހިނގާފައިވާތަން އަޅުގަނޑު ހިތުން މިދިޔަ އެއް އަހަރުގެ ތެރޭގައި މެންބަރުންނަށް ފެނިފައި ނުވާކަމުގެ ސަބަބު އަޅުގަނޑު އެބޭފުޅުންނާއި ވާހަކަދައްކާލުމުން އެނގުނީ ގާނޫނުއަސާސީގައި 228ވަނަ މާއްދާގައި މިބުނާ ހާލަތު މެދުވެރީ،" ނަޝީދު ވިދާޅުވިއެވެ.

ޕީޖީ ބިޝާމްގެ ބަޔާނުގައި ވިދާޅުވީ ޖަވާބުދާރީވާން ވަކީލަކާ އެކުވެސް ހާޒިރުވުމުގެ ފުރުސަތު އޮތް ކަމާއި، މަޖިލީހުގެ ގަވާއިދުގައިވާ މުހުލަތުވެސް ލިބޭނެ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީގައި ޖަވާބުދާރީވާން ޖެހޭ ކަންތައްތައް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ޖަވާބުދާރީވާން ތައްޔާރުވުމަށްޓަކައި މުހުލަތެއް ދިނުމާއި، ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭގޮތަށް އޮތުމުގެ މަގުސަދަކީ ތައްޔާރުވުމަށް ފުރުސަތު ލިބޭނެ ފަދައިން، ޖަވާބުދާރީވާންޖެހޭ ކަންކަން ވެސް ވަރަށް ސާފުކޮށް، ބަޔާން ކުރަންވާނެ ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ.