ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން މިއަދު 1:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.
މިމަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލީ ރަޝީދު ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވާ ދައުވާގެ މައްސަލަ އެ ކޯޓުން އަލުން ނުބަލައި ހުކުމް އިއްވަން ނިންމަވާފައެވެ.
ރިޔާސަތު ބަލަހައްޓަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ އެގޮތަށް ނިންމެވީ މިހާރު މައްސަލައިގެ ހެކިބަސް ނެގުމުގެ ކަންކަންވެސް ނިމިފައިވާތީ ކަމަށާއި، ޝަރީއަތުގެ މަޖިލީހުގައި ގާޒީންގެ ބެންޗުން ނިންމާފައިވަނީ މައްސަލަ ގޮސްފައި އޮތް ހިސާބުން ކުރިއަށް ގެންދިއުމަށް ކަމަށް ވާތީއެވެ.
ޔާމީން ގެ ޝަރިއަތުގެ އަޑުއެހުން އަލުން ނުފަށާ ހުކުމް ކުރަން ނިންމާފައި ވަނީ ގާޒީން ބަދަލުވާ ހާލަތުގައި އަމަލުކުރާނެ ގޮތް ކަމަށް ޖިނާއީ އިޖުރާއަތު ގާނޫނުގެ 152 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އެގޮތުން މައްސަލަ އަލުން ބެލުމަށްވެސް ފަނޑިޔާރަށް ނިންމިދާނެ ކަމަށާއި ނުވަތަ މައްސަލަ ނިންމާފައި އޮތް ހިސާބުން ކުރިއަށް ގެންދަންވެސް ނިންމި ދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ވަދެފައިވާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓުން ރައީސް ޔާމީން، އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކުރި މައްސަލާގައެވެ. އަދި އެ ފައިސާ ރައީސް ޔާމީން ވަނީ އެ ބޭންކުގައި އޮންނަ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރައްވާފައެވެ.