ސަރުކާރާ ދެކޮޅަށް އިރާގުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ހޫނުވެ، އެގައުމުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގައި ހުޅުޖަހައިފިއެވެ.

އިރާގުގެ ދެކުނުގައި އޮންނަ ނަޖަފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އިމާރާތުގައި ހުޅުޖަހާ، ރޯކޮށްލާފައިވަނީ އިރާގުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންގެ ގުރޫޕަކުން ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

އީރާނުގެ ކޮންސިއުލޭޓް ހިންގާ އިމާރާތުގައި ރޯކޮށްލި އަލިފާންގަނޑާއެކު އެ އިމާރާތް އަނދަމުންދިޔައިރު، "އީރާނުން އިރާގު ދޫކޮށް ދިއުމަށް" މުޒާހަރާގެ ބައިވެރިން އަޑުގަދަކޮށް ގޮވަމުންދިޔަ ކަމަށް ޚަބަރު ލިބެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މުޒާހަރާގެ ބައިވެރިން ކޮންސިއުލޭޓް އިމާރަތަށް ވަދެގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އެ ކޮންސިއުލޭޓްގައި މަސައްކަތް ކުރި މުވައްޒަފުން ވަނީ އެތަން ދޫކޮށް ފިލާފައެވެ.

މިއީ އިރާގުގައި ހުންނަ އީރާނުގެ އިމާރާތަކަށް މިމަހު ތެރޭގައި ހަމަލާ އަމާޒުވި 2 ވަނަ ފަހަރެވެ. އިރާގުގެ ޝީއީންނަށް ހާއްސަ ކަރުބަލާ ސިޓީގައި ހުންނަ އީރާނުގެ އޮފީހަށްވެސް މިމަހުގެ ކުރީކޮޅު ވަނީ ހަމަލާ ދީފައެވެ.

އިރާގުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް 2 މަހެއްހާ ދުވަސްވެފައިވާއިރު، މި މުޒާހަރާތަކާ ގުޅިގެން ހިންގި އެކި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި 340 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުންދަނީ ސަރުކާރު ތެރޭގައި އޮތް ކޮރަޕްޝަން ނައްތާލާ، ވަޒީފާގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. އަދި އިރާގުގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް އީރާނުން ވަދެ، ސަރުކާރުގެ ދިފައުގައި އީރާނުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އިރާގުގައި މުޒާހަރާ ކުރަމުންދާ އެ ގައުމުގެ ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ.