މެރާކީ ރެސްޓޯރަންޓުގައި ކުރިން މަސައްކަތް ކުރި އާމިނަތު އީނާސަށް ދިން އިންޒާރުގެ ނޯޓު ލިޔަން ތިއްބައި ނަގާފައިވާ ވީޑިއޯއެއް ފުލުހުން ހޯދައިފިއެވެ.

އީނާސް މީގެކުރުން މަސައްކަތްކުރި "މެރާކީ ރެސްޓޯރަންޓަށް" މިދިޔަ ހޮނިހިރު ދުވަހުގެރޭ ބަޔަކު ވަނީ ހަމަލާދީއެވެ. އެ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑުގައި ގާބުރިއަކުން ޖަހާ ތަޅާލާފައި ވާއިރު އެ ކެފޭގައި ވަނީ އިންޒާރުގެ ނޯޓުކޮޅެއް ވެސް ތަތްކޮށްފައެވެ. އެ ކަރުދާސްކޮޅުގައި ލިޔެފައިވަނީ "އަންހެނުން ފިރިހެން ނުވައްޗޭ. އަދި ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.

އެ ހަމަލާ ދިންތާ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައެވެ.

މިއަދު އޮތް ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެމީހުން އެ ނޯޓު ލިޔަން ތިބި ތަނާއި، ނޯޓު ލިޔަނިކޮށް ނަގާފައިވާ ވީޑިއޯ މިހާރު ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ހަމީދު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން ވަގުތުން ވަގުތަށް އަޅަމުން ގެންދާ ކަމަށެވެ.

މެރާކީ ކޮފީ ރޯސްޓާގެ ބިއްލޫރިގަނޑު ތަޅާލާފަ

ހާދިސާ ހިނފި އިރު އެ ކެފޭގައި ތިބި މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި ސައިކަލުތަކެއްގައި އައި ގުރޫޕެއްގެ ތެރެއިން ކުރީ ސައިކަލުގައި ތިބި ދެމީހުން އެތަނަށް ގާބުރި އެއްލި ކަމަށެވެ. އަދި ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިޔުމުން އަނެއްކާވެސް އެހެން ގާބުރިއެއް އެއްލައި އެކެފޭގެ ބޭރު ބިއްލޫރިގަނޑު ތަޅާލި ކަމަށެވެ.

ފިރިހެނުން ހެނދުން އަޅާ ގޮތަށް ހެދުން އަޅާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާމިނަތު އީނާސްއަށް ފުރައްސާރަ ކުރަމުންދާ މައްސަލައެއް، މި ހާދިސާ ހިނގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ ބަލަން ފަށާފައެވެ. އީނާސްގެ އިންސްޓާގްރާމުން ފެނިގެން ދަނީ ފިރިހެނުންލާ ކަހަލަ ގަމީހާ ފަޓުލޫނު ފަދަ ހެދުމުގައި ނަގާފައިވާ ގިނަ ފޮޓޯތަކެކެވެ. އޭނާގެ އެފޮޓޯތަކަށް ގިނަ ބަޔަކު ތައުރީފުކޮށް އެ ސްޓައިލް އޭނާއަށް ވަރަށް ގުޅޭ ކަމަށް އިންސްޓަގްރާމްގައި ބުނަމުން ދިޔަ ނަމަވެސް ދާދި ފަހުން އޮތް ފިލްމް ފެސްޓިވަލް އެވޯޑް ހަފްލާގައި ނޫކުލައިގެ ސޫޓެއް ލައިގެން އީނާސް ހުރި ފޮޓޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެގެން ދިޔައީ ފިރިހެން ވައްތަރަށް ހެދުން އަޅާތީ ކަމަށް ބުނެއެވެ.

މި ފާޑުކިޔުންތައް އިތުރުވެގެން ދިޔުމުން އީނާސް ހެދުން އަޅާ ގޮތް ކަމުދާކަމަށް ވާނަމަ "#ސޫޓްސްމީ" ޖަހާ ސޯޝަލް މީޑިއާގައި އޭނާ ކެމްޕޭނެއް ފެށިއެވެ. އެހިސާބުން އީނާސަށް މިކަމުގައި އިންޒާރުގެ މެސެޖު ދިޔައީ އޭނާ ކުރިން މަސައްކަތްކުރީ ކެފޭގެ ބިއްލޫރިގަނޑަށް ދިން ހަމަލާއާއި އިންޒާރުގެ މެސެޖުންނެވެ.