ގދ.ރަތަފަންދޫގައި ހިންގި ދެ މާރާމާރީއަކާ ގުޅިގެން 8 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ފުރަތަމަ މަރާމާރީ ހިނގާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށާއި އެ މަރާމާރީގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ދެވަނަ މާރާމާރީ ޖެހިގެން އައި ދުވަހު ހިނގާފައިވާއިރު އެ މާރާމާރީގައި އަނިޔާވެފައިވަނީ އެކަކަށް ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މާރާމާރީއާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހުގެރޭ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދެ މީހަކާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 24 އަހަރުގެ ދެ މީހެއްގެ އިތުރުން 26 އަދި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހަކު ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 20 އަހަރުގެ އެކަކާއި 24 އަހަރުގެ މީހާ އަށް 7 ދުވަސް، 23 އަހަރުގެ މީހާ އަށް 6 ދުވަސް އަދި 20 އަހަރުގެ އަނެއް މީހާ އަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ދެ މާރާމާރީއަކީ ގުޅުންހުރި ދެ މާރާމާރީ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.