އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މި މުޖުތަމައުގައި އެތައް ބަޔަކު މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަދިވެސް މި މުޖުތަމައުގެ ތެރެއިން އަންހެނުނަށް ފުރައްސާރަކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.
އަންހެނުންނަށް ކުރާ އަނިޔާއަކީ ހަމައެކަނި ގެވެށި އަނިޔާގެ ގޮތުގައި ދެކި އަނިޔާ ކުރެވެނީ ގޭތެރޭގެ މާހައުލުން ކަމަށް ހީކުރެވޭ ހީކުރެވުމަކީ އަދި ކުށްހީއެކެވެ. ގޭތެރެއިން ލިބޭ އަނިޔާގެ އިތުރުން މަގުމަތިންނާއި މަސައްކަތުގެ މާހައުލުންވެސް އަންހެނުންނަށް ލިބޭ އަނިޔާ މަދެއް ނޫނެވެ. އެގޮތުން މަގުމަތިންދާ އިރު އަންހެނުންނާ ފޮށި، ތުމުން ފުމެ، ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރާ ދިވެހިންވެސް އުޅެއެވެ. މިއީ ދިވެހިންގެ ތެރޭގައި ވަރަށް ކުރިއްސުރެ ވަމުންއަންނަ ކަމެކެވެ. ނަމަވެސް މިފަދަ މައްސަލަތައް މިހާރު ބައެއް ފަރާތްތަކުން ސިއްރުކުރުން ހުއްޓާލާ އާންމުކުރާ ކަމަކީ އުފާ ކުރާކަމެކެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މީ މީހަކު އަޅާ ހެދުމަކުން ނުވަތަ މީހަކު އުޅޭ ގޮތުން ނުވަތަ މީހަކު ކުރާ މަސައްކަތަކުން ވާ ކަމެކެވެ. މިފަދަ ކަންކަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރުވެސް ގިނަ ބަޔަކަށް ބުލީ ކުރެވޭ އިރު އޭގެ ސަބަބުން މީހަކަށް ކޮށްފާނެ އަސަރަކާ މެދު ވިސްނާ ނުލައެވެ.
ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަވަންތަ ގޮތްތަކަކަށް އުޅެން ލޯބި ކުރާ މިނިވަން ހިޔާލުގެ މީހުންކަން ދަނެ އެކަމަށް އިހްތީރާމް ކުރަން ޖެހޭ ނޫން ހެއްޔެވެ. މީހުން އަޅާ އަންނައުނުގެ ސަބަބުން މީހުންނާ ފޮށެން ޖެހޭ ހާލަތަށް އަދުގެ މި ޖީލުގެ ވިސްނުން ހިނގައްޖެ ނަމަ މީހެއްގެ ހަމުގެ ކުލަ ހުންނަގޮތުން ނުވަތަ "ދޮން ކަޅު" ކަމަށް ޒަމާނުއްސުރެ ކުރަމުންދާ މަލާމާތަށް ނިމުމެއް އައިކަމަކަށް ބެލެވޭކަށް ނެތެވެ.
މިކަމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހިނގަމުންދާ ވަރަށް އިންސާނިއްޔަތުކަން ކުޑަ އަމަލެކެވެ. މި ކުޑަ ދިވެހި ރާއްޖެއަށް ބަލާލިއަސް މިހާރު ފެންނަމުން މި ދަނީ އަންހެނުންނާ ފޮށި އުނދަގޫކޮށް އަނިޔާވެރިވާއިރު އެ މަންޒަރަކީ ފިލްމެއް ނުވަތަ ސިލްސިލާ ޑްރާމާއަކުން ފެންނަ މަންޒަރެއްގެ ގޮތުގައި ސިފަކޮށްގެން ދުރުގައި އަތްއުރާލައިގެން "ޕޮޕްކޯން" ހިފައިގެން މަންޒަރު ބަލަން ތިބޭ ތަނެވެ. ކަންވެ ނިމުނީމައި ތަރުހީބު ދިނުމުގެ ގޮތުން އަތް ނުޖަހާކަން އެކަންޏެވެ. ކަމެއް ވީކަމަށްވެސް ނުހަދާ ދެން އެބަޔަކު އެބައެއްގެ މަސައްކަތައިގެން ކުރިއަށް ދެއެވެ.
އެފަދަ ހާލަތުގައި އަންހެންކަށް އަޅާލަން ނުވަތަ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކޭ ބަޔަކު އުޅޭ ކަމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ނަމަވެސް މިފަދަ ކުށްކުރުން މަދުކުރަންޏާ މިކަން ހުއްޓުވަން އެންމެން އެކީގައި ތެދުވެގެން މެނުވީ ކާމިޔާބެއް ނުލިބޭނެއެވެ.
އެގޮތުން އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކުގެ ތެރެއިން މިއަހަރުތެރޭ ފާހަގަކޮށްލެވޭ ބައެއް ކަންކަމަށް އަލިއަޅުވާލަމެވެ.
ޓެކްސީ ދުއްވާ އައިންތުއަށް ދިން ހަމަލާ
ރޭގެ ވަގުތެއްގައި ނޫސްތަކުގެ ފަލަ ސުރުހީއިން ފެނިގެން ދިޔައީ ރާއްޖޭގެ ޓެކްސީ ދުއްވަމުންދާ ހަމަ އެކަނި އަންހެން ޑްރައިވަރު އައިންތު ދުއްވާ ޓޭކްސީގެ ބިއްލޫރިގަނޑު ތަޅާލި ހަބަރެވެ. މިކަން ކުރީ ކާކުކަން އަދި ދެނެގަނެވިފައި ނުވާއިރު މިއީ ކޮން ބޭނުމަކު މީހަކު ކުރިކަމެއް ކަން ވެސް އެނގިފައެއް ނުވެއެވެ. މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ކާރު އޮތް މަގުގައި ހުރި އިމާރާތަކުން މަސްޓޭންކުގައި ހުންނަ ގާ ކަހަލަ ގަލެއް ވެއްޓި ތެޅިފައި ކަމަށެވެ.
އެކަނިވެރި މައެއްގެ ގޮތުގައި އަމިއްލައަށް މަސައްކަތް ކޮށްގެން ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް އާމްދަނީ ހޯދަމުންދާ އައިންތުގެ ކާރުގެ ބިއްލޫރިގަނޑު، މަސްޓޭންކް ގަލަކުން ތެޅުމާ މެދު ސުވާލުތަކެއް އުފެދޭ އިރު، އެކަން އެތައް ބަޔަކު ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ދަނީ ހަމްދަރުދީގެ ޝުއޫރުތައް ބަންޑުން ކުރަމުންނެވެ. ކާންބޯން އާމްދަނީ ހޯދުމަށް އައިންތު ކުރަމުންދާ މަސައްކަތަށް ހުއްޓުމެއް ގެނުވި މި ހާދިސާގެ ސަބަބުން އޭނާއަށް އެލިބުނީ ކިހާ ބޮޑު ތަކުލީފެއްކަން އިހްސާސް ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ.
އެއީ ކޮންމެ މީހަކު ކުރި ކަމެއް ކަމުގައި ވީ ނަމަވެސް ވަރަށްވެސް ދަށު ދަރަޖައިގެން އަމަލެކެވެ. ރާއްޖޭގައި މިވީހާތަނަށް ފިރިހެނުން ކުރަމުން އައި މަސައްކަތެއް ކުރަމުންދާ ހަމައެކަނި އަންހެނަކަށް އައިންތު ވީތީ، އޭނާގެ މަސައްކަތަށް ހުރަސްއަޅަން ބަޔަކު ރާވައިގެން ކުރި ކަމެއް ބާއޭ މިއީވެސް އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. މިއީ މި އަހަރުތެރޭ އައިންތު ދުއްވާ ޓެކްސީއަށް ދިން ދެވަނަ ހަމަލާ ކަންވެސް ފާހަގަކޮށްލެވެއެވެ.
އީނާސަށް ދިން އިންޒާރުގެ މެސެޖް
ދެން އެންމެ ފަހުން ފެންމަތިވި މިފަދަ ހޫނު އަނެއް ހަބަރަކީ ފިރިހެނުން ހެނދުން އަޅާ ގޮތަށް ހެދުން އަޅާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާމިނަތު އީނާސްއަށް ފުރައްސާރަ ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފެށި ހަބަރެވެ.
އީނާސްގެ އިންސްޓާގްރާމް ބަލާލައިފި ނަމަ ފެނިގެން ދާނީ ފިރިހެނުންލާ ކަހަލަ ގަމީހާ ފަޓުލޫނު ފަދަ ހެދުމުގައި ނަގާފައިވާ ގިނަ ފޮޓޯތަކެކެވެ. އޭނާގެ އެފޮޓޯތަކަށް ގިނަ ބަޔަކު ތައުރީފުކޮށް އެ ސްޓައިލް އޭނާއަށް ވަރަށް ގުޅޭ ކަމަށް އިންސްޓަގްރާމްގައި ބުނަމުން ދިޔަ ނަމަވެސް ދާދި ފަހުން އޮތް ފިލްމް ފެސްޓިވަލް އެވޯޑް ހަފްލާގައި ނޫކުލައިގެ ސޫޓެއް ލައިގެން އީނާސް ހުރި ފޮޓޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެގެން ދިޔައީ ފިރިހެން ވައްތަރަށް ހެދުން އަޅާތީއެވެ.
މި ފާޑުކިޔުންތައް އިތުރުވެގެން ދިޔަ ނަމަވެސް އިނާސް ދުލެއް ނުކުރެއެވެ. އީނާސް ހެދުން އަޅާ ގޮތް ކަމުދާކަމަށް ވާނަމަ "#ސޫޓްސްމީ" ޖަހާ ސޯޝަލް މީޑިއާގައި އޭނާ ކެމްޕޭނެއް ފެށިއެވެ. އެހިސާބުން އީނާސަށް މިކަމުގައި އިންޒާރުގެ މެސެޖު ދިޔައީ ވަރަށް ބިރުވެރި ގޮތަކަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ އީނާސް މީގެކުރުން މަސައްކަތްކުރި "މެރާކީ ރެސްޓޯރަންޓަށް" ބަޔަކު ވަނީ ހަމަލާދީއެވެ. އެ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑުގައި ގާބުރިއަކުން ޖަހާ ތަޅާލާފައި ވާއިރު އެ ގާބުރިއާއެކު އިންޒާރުގެ ކަރުދާސް ކޮޅެއް ވެސް އޮތެވެ. އެ ކަރުދާސްކޮޅުގައި ލިޔެފައިވަނީ "އަންހެނުން ފިރިހެން ނުވައްޗޭ. އަދި ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.
އަންހެނުންނަށް ކުރާ ފުރައްސާރަ
އަންހެނުންނަށް ކުރާ ފުރައްސާރައޭ ބުނުމުން އެއީ ވަރަށް އާދައިގެ ނުވަތަ ވަރަށް އާންމުކަމެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް ދުލުން ބުނެލާ ބަހަކީ ވަރަށް ބޮޑު ހަތިޔާރެކެވެ. އަދި އިޝާރާތުންވެސް އަންހެނަކާ މެދު އެފަދަ ބަދުއަހްލާގީ މިންގަނޑެއްގައި އަމަލުކުރުމުން އެމީހުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި މީހާ ނަފްސާނީ ކޮށްލައެވެ. މިފަދަ ކަންކަން ކިތަންމެ ކަމެއް އާންމުކޮށް ހިނގި ކަމުގައި ވީ ނަމަވެސް އެފަދަ މައްސަލަތައް ރިޕޯޓުކުރަނީ މަދު ފަރާތަކުންނެވެ. އެ މައްސަލަތަކަށް ބަލާ އިރު އުމުރުން ދުވަސްވީ ފިރިހެނަކު މަގުމަތިންދާ އަންހެނަކާ ފޮށި ބޭއަދަބީ ބަހުރުވައިން މުހާތަބު ކުރާ ދެ ވީޑިއޯއަކާއި ފްލައިޓެއްގެ ތެރެއިން އަންހެނަކަށް ފުރައްސާރަކުރި މައްސަލައަކާއި، ފެރީއެއްގައި އަންހެނަކާ ފޮށުނު މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ޓްވީޓާގައި ޒުވާން އަންހެނެއް އާންމު ކުރި ވީޑިއޯ އާންމުވެ ވައިރަލް ވެ އެކަން ފުލުހުންނާއި ޖެންޑާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އުމުރުން 56 އަހަރުގެ ފިރިހެނެއް އޭޑީކޭއާ ހަމައިން އެ އަންހެން ކުއްޖާގެ ފަސްފަހަތުން ފުރައްސާރަ ކުރަމުން ސްކޫޕް ރެސްޓޯރަންޓާ ހަމައަށް ގޮސްފައެވެ. އަދި އެ އަންހެންކުއްޖާއާ މުހާތަބުކޮށް ވަރަށް ބޭއަދަބީކޮށް ވާހަކަދައްކާފައި ވެއެވެ. މި މައްސަލައިގައި އެ އަނަހެންކުއްޖާ ވަނީ އެމީހާގެ މައްޗަށް ދައުވާ ކޮށްފައެވެ. އަދި ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ.
މި މަހުގެ 7 ވަނަ ދުވަހު މަގުމަތިން ދިޔަ އަންހެނަކާ އުމުރުން ދުވަސްވީ ފިރިހެނަކު ފޮށުނު އިތުރު ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މި ވީޑިއޯގައި ފެންނަ މުސްކުޅި މީހާ ވަނީ މަގުމަތިން ހިނގާފައި އަންނަ އަންހެން ކުއްޖާއާ ސަލާމް ކުރަން އެދިފައެވެ. އެއަށްފަހު އެ އަންހެންމީހާ އަށް ތައުރީފްކޮށް އޭނާއާ އެކު ގުޅުން ހިނގުމަށް ވަނީ ދައުވަތުވެސް ދިފާއެވެ. މި މައްސަލަވެސް ފުލުހުންނާއި ޖެންޑާގެ ސަމާލުކަމަށް އައިސްފައި ވެއެވެ. ނަމަވެސް މި މައްސަލަ ރަސްމީ ގޮތެއްގައި ރިޕޯޓުކޮށްފައެއް ނުވެއެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓަކުން އައްޑޫން މާލެއަށް އައި އަންހެނަކަށް ބޭރު މީހަކު ޖިންސީ ފުރައްސާރަ ކުރި ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ.
އަންހެން މީހާ އިން ސީޓުގެ ކުރިމައްޗަށް ވާގޮތަށް ހުރި ސީޓުގައި ބިދޭސީ މީހާ ތަކުރާރުކޮށް ފަހަތަށް ބަލާ ހަޑިހުތުރު ވައްތަރު ޖައްސާފައި ވެއެވެ. އަދި އޭނާގެ ފޯނުން ފާޑުފާޑުގެ ފޮޓޯ ދައްކަމުން ދިޔަ ކަމަށް އެ ޒުވާނާ ފޭސްބުކްގައި ބުނެފައި ވެއެވެ. އެމީހާއަކީ އެމްއެންޔޫ ކޮލުޖުން ގެނެސްފައިވާ ލެކްޗަރާއެކެވެ. ފްލައިޓު ހުޅުލެއަށް ޖެއްސުމާއެކު އެ އަންހެންމީހާ ވަނީ ފްލައިޓު އެޓެންޑުން ގާތު އެ ބިދޭސީ މީހާގެ ވާހަކަ ބުނެފައެވެ. އަދި އެ މައްސަލަ އެތަނުން ވަނީ ފައިލްކޮށްފައެވެ.
މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހު އެމްޓީސީ ފެރީގައި ދަތުރުކުރި އަންހެނަކަށް އެ ފެރީގައި މަސައްކަތް ކުރާ އެމްޓީސީސީ މުވައްޒަފެއް ފޮށުނު މައްސަލައަކީވެސް މި ލިސްޓުގައި ހިމެނޭ އެފަދަ މައްސަަލައެކެވެ. މި ކަން ހިނގާފައިވަނީ މިދިޔަ ރޯދަމިހުގެ ދުވާލުގެ ވަގުތެއްގައެވެ. މި ވާހަކަ އެ އަންހެން މީހާ ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ. ފެރީގައި ހުރި އެމްޓީސީސީގެ މުވައްޒަފު އޭނާއާ ފޮށިފައިވާ ކަމަށާއި ހަޅޭއްލަވާފައިވާ ކަމަށް އޭނާ ކުރި ޕޯސްޓުގައި ވެއެވެ. އަދި އޭނާއަކީ ކޮންމެ ދުވަހަކުވެސް ފެރީގެ ހިދުމަތް ބޭނުންކުރާ ފަރާތެއްކަމަށް ބުނެފައި ވެއެވެ. މި މައްސަލަ ފެނަމަތިވުމާ ގުޅިގެން އެމޓީސީސީން ވަނީ އެމައްސަލަ ބަލާފައެވެ.
ފޮޓޯއާއި ވީޑިއޯގެ ބިރު
ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން އަނހެންނުންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުށަކީ ބްލެކް މެއިލް ކުރުމުގެ ކުށެވެ. ބިރު ދައްކައިގެން އަންހެނުންގެ ފަރާތުން ނާޖާއިޒު އެތައް ފައިދާއެއް ހޯދާ ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށްލާ މި އަމަލަކީވެސް ރާއްޖޭގައި ވަރަށް އާންމުކޮށް ފެންނަ މައްސަލައެކެވެ. ނަމަވެސް މިފަދަ މައްސަލަތައްވެސް ގިނަ ފަހަަރަށް ރިޕޯޓުކުރަން ކެރެނީ މަދު ފަރާތަކަށެވެ. އެ ކަން ރިޕޯޓު ނުކުރެވިގެން އުޅެނިކޮށް އޮންނާނީ އެ އަންހެންމީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ދެން އެހިސާބުން ފެށިގެން ދާނީ ބުލީ ކުރުމުގެ މަރުހަލާއެވެ.
އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހދ. ނެއްލައިދޫގައި ފާހާނާތަކުގައި ކެމެރާ ހަރުކޮށްގެން އަންހެނުން ފެންވަރާ މަންޒަރު ވީޑިއޯކުރާ މައްސަލައެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. މި ކަމުގައި އެ ރަށުގެ ގިނަ އަންހެނުންތަކެއް ވަނީ ނުކުމެ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގައި އެރަށު އަންހެނުން ވަނީ އެމީހުން ފާހަނާގައި އުޅޭ ވަގުތު ވީޑީއޯ ކުރުމާ ދެކޮޅު ކަމަށް ބުނެ ޕޯސްޓަރުތައް ވެސް ހަދާފައެވެ. މިކަން އެ ރަށުގައި ކުރަމުން ގެންދާތާ ދުވަސްކޮޅެއް ވެފައިވާ އިރު، އެއީ އެރަށު ޒުވާން ކުދިން ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ. އަދި ބައެއް މީހުން ފާހާނައިގައި އުޅޭ ވީޑިއޯ އެރަށުތެރޭގައި ދައުރުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު މާލޭގައި 19 އަހަރުގެ ދިވެހި އަންހެނަކަށް ފޮޓޯތަކެއް ލީކްކޮށްލާނެ ކަމުގެ ބިރު ދައްކައިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އެ އަންހެން މީހާއާ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގާފައެވެ.
ރާއްޖޭގައި ފާހަގަކޮށްލެވޭ މިފަދަ ގިނަ ކުށްތައް ފެނި ހައިރާނެއް ނުވޭހެއްޔެވެ. އެއްވެސް ކޮންމެވެސް މީހެއްގެ މަންމައެކެވެ. ނުވަތަ ދައްތަ، އަންހެންކޮއްކޮ، އަންހެން ދަރި އަދި އަނިބިމީހާއަށްވެސް ވެދާނެއެވެ. އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ އާއިލާގެ މެންބަރަކަށް މިފަދަ ކަމެއް މެދުވެރިވާކަށް ނޭދޭނެއެވެ.
ކޮންމެ މީހަކުވެސް އެމީހަކު އަމިއްލަ ނަފްސަށް އިހްތިރާމްކުރާ ފަދައިން އަނެކާއަށް އިހްތިރާމްކުރަން ދަސްކުރާށެވެ. މި މުޖުތަމައުއިން ގެއްލިގެންދާ އެއްބައިވަންތަކަމާއި ދިވެހިންގެ މެދުގައި އޮންނަ ލޯތްބާއި ގަދަރު ފޮހެވިޔަ ނުދޭށެވެ. މިފަދަ މައްސަލަތައް މި މުޖުތަމައުގައި ގިނަވެގެން ދިއުމަކީ ވަރަށް ދެރަވަރުގެ ކަމެކެވެ. އަންނަން އޮތް ޖީލަށް ނަމޫނާއަކަށް ވާން ޖެހޭއިރު މި ފަދަ މައްސަލަތައް ގިނަވެގެން ދިއުމަކީ ލަދު ގަންނަން ޖެހޭ ކަމެކެވެ. މިފަދަ ކޮންމެ ކަމެއްވެސް ހުއްޓުވުމަކަށް ގެނައުމަށް އަތުކުރި އޮޅާލައިގެން އެންމެން އެކީ ނުކުންނަމާ ހެއްޔެވެ. އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެންމެ ތެދުވެ އެއީވެސް ކޮންމެވެސް މީހެއްގެ މަންމަ، ކޮއްކޮ، ދައްތަކަން ނުވަތަ އަނބިމީހާ ކަން ދަނެގެން އިހްތިރާމް ކުރަން ދަސްކުރަމާ ހެއްޔެވެ.