2016 ވަނަ އަހަރުގެ ތެރޭގައި ވުޖޫދަށް އައިސް ރެޕް މަޝްހޫރު ލަވަތައް ގެނެސްދެމުންދާ ބީޓޮލޮޖީ ގްރޫޕްގެ "ހަސްކާ" ލަވައަކީ މިހާރު ގިނަ ދިވެހިންނަށް ވަރަށް ކަމުދާ އަދި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ލަަވައެކެވެ. ސިޔާސީ މައިދާނުގައި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް "ހަސްކާ" މިލަވަ ވަރަށް ރީތި ވެވަޑައިގެންފިއެވެ.
މިލަވައިގެ ބައިތެއް ޓްވީޓުކުރައްވާ ޖާބިރު ވަނީ މިއަދު ވަރަށް ރީތިވެވަޑައިގެން ޖައްސަވާލެއްވުނު ލަވައެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖާބިރުގެ ޓްވީޓުގައި ލިޔުއްވާފައި ވަނީ، ބީޓޮލޮޖީގެ ހަސްކާ ލަވައިގެ މި ބައިތެވެ. "ކުރިން ބުނީ ނުވާނެއޭ، މަގެ ހުނަރަށް ކޮށްލީ ސުވާލެކޭ! ކުރިއެރުމުން ބުނާނެއޭ މަގެ މޭންއެކޭ އަތު ނުވާނެއޭ!"
މި ލަވަ ޖާބިރަށް ރީތިވެވަޑައިގެން ކަމަށް ވިދާޅުވެފައިވާ އިރު އެ ލަވައިގައި ބުނާ އެއްޗަކީ ޖާބިރުގެ ސިޔާސީ ހަޔާތާ ގުޅޭ ބަސްތަކެއްކަން ފާހަގަކޮށްލެވެއެވެ. އޭނާގެ ސިޔާސީ ހާޔާތުގައި މީހުން ފާޑުކިޔާފައި ވީ ނަމަވެސް ޖާބިރު ވަނީ އޭނާގެ ހަޔާތުގައި ގިނަ ކަންކަމުން ކާމިޔާބު ހޯއްދަވާފައެވެ. އެގޮތުން މި 19 ވަނަ މަޖިލީހަށް ކުރިމަތި ލެއްވި ހިސާބުން ފެށިގެން ބަލާލިއަސް އެކަން ފެނިގެން ދާނެއެވެ.
19 ވަނަ މަޖިލީހުގެ މެންބަރުކަމަށް ވާދަ ކުރައްވައިގެން ޖާބިރު ގެންދެވި އިރު އެ ދާއިރާއަށް ކޮށްދެއްވުމަށް އޭނާ ވެވަޑައިގެންނެވި ވައުދުތަކަށް ގިނަ ބަޔަކު ވަނީ "ހަޖޫ ޖަހާފައެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި ޕީއެސްއެމްގެ ބަހުސްގައި، ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ކާށިދޫން ގާފަރާ ދެމެދު ކޭބަލް ކާރު އެޅުމުގެ ޕްލޭނާ ބެހޭ ގޮތުން ވަޙާކަ ދައްކަވާފައެވެ. ކާށިދޫއާއި ގާފަރު ތަރައްގީ ކުރުމަށް އޭނާ ދެކެވަޑައިގަންނަވާ ހުވަފެންތައް ހިއްސާކުރެއްވުމުން އެކަމާ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
މި ފަދައިން ސޯޝަލް މީޑިއާގައި ދެކެވެމުން އައި ވާހަކަތަކަށް އޭރު ރައްދު ދެއްވީ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދެވެ. އެ ގޮތުން ދިޔާނާ ވިދާޅުވެފައި ވަނީ ގިނަ ބަޔަކަށް އެކަން ޖޯކަކަށް ވީ ނަމަވެސް މެލޭޝިއާ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި މިހާރު ކޭބަލް ކާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ.
19 ވަނަ މަޖިލީހަށް ޖާބިރު ހޮވި ވަޑައިގަތުމުންވެސް ގިނަ ބައެއްގެ ފާޑުކިއުން ޖާބިރަށް އަމާޒުވެފައިވެއެވެ. ހަމައެއާއެކު މަޖިލީހުގައި ކުރާ ބަހުސްތަކުގައި ޖާބިރަކީ އެހެން މެންބަރުންނާ ތަފާތު ގޮތަކަށް އަޑުއުފުއްލަވާ ކަންކަމުގައި ހިޔާލާއި ޝުއޫރުތައް ފާޅުކުރައްވަމުން ގެންދަވާ މެންބަރެއްކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، މަޖިލީހަށް ކުރިމަތިލެއްވި އިރު ދާއިރާގެ ރައްޔިތުންނަށް ދެއްކެވި ހުވަފެންތަކުގައި ކުލަޖެއްސެވުމަށް ޖާބިރު ގެންދަވަނީ ނުހަނު ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ.
ވައުދު ފުއްދެވުމުގެ އެއީ ނަމޫނާ ބޭފުޅެއްކަން ސާބިތުކޮށްދެއްވައިފި ކަމަށް ގިނަ ބަޔަކު ބުނެ އަންނަނީ ޖާބިރަށް ތައުރީފު ކުރަމުންނެވެ. އެގޮތުން ކާށިދޫއާ ގާފަރު ކޭބަލް ކާރަކުން ގުޅާލުމަށް ޖާބިރު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށް އިޓަލީގެ ކުންފުންޏެއް ކާށިދޫއަށް ވަނީ ދާދި ފަހުން ގޮސްފައެވެ.
އެހެންކަމުން އޭރު ޖާބިރުގެ ހުނަރަށް ގިނަބަޔަކު މަލާމާތްކޮށް ޖާބިރު ދެއްކެވި ހުވަފެނަކީ ނުވާނެ ކަމެއްކަމުގައި ގިނަބަޔަކު ބުނި ނަމަވެސް، މިހާރު ޖާބިރަކީ "މޭން" އެކޭ ބުނެ އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ހިތްވަރާއި ތައުރީފާއި ތަރުހީބުގެ ބަސްތައް އަންނަނީ އޮހެމުންނެވެ.