އެހެން މީހަކަށް ފާޑުކިއުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިއްމު ކަމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފްސު އިސްލާހުކޮށްފި ނަމަ މުޅި މުޖުތަމައު އޮންނާނީ އިސްލާހުވެފައި ކަމަށެވެ. އަދި ވިދާޅުވީ މީހަކަށް ނަސޭހަތެއް ދޭނަމަވެސް އެކަން ކުރަންވާނީ މާތްﷲ އަންގަވާފައި ގޮތަށް ކަމަށެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވި ސީދާ ސަބަބެއް ނޭނގެއެވެ. އެހެންނަމަވެސް ދާދިފަހުން ލ. ގަމުގައި އޮތް އެމްޑީޕީގެ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ޑރ.އިޔާޒު ވަޑައިގެން އިސްލާމް ދީނަށް ގޮވާލައްވަން ޖެހިވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް މި ގައުމުގައި އިސްލާމް ދީނަށް ދައުވަތު ދޭން ނުޖެހޭނެ ކަމަށާއި އިސްލާމް ދީނަށް އުޅުމުން، ރާއްޖެ ދާނީ ބިނާ ވަމުން ކަމަށްވެސް ނަޝީދު ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ބޭފުޅުން ދައުވަތު އެ ދެއްވަނީ ހަނގުރާމަ އަށް ކަމަށާއި އަފަރާޝީމްގެ ރިޕޯޓުގައި ކިޔައި ދެނީ ހަނގުރާމަ އަށް ދައުވަތުދޭން ކަމަށެވެ. އަދި ރައްޔިތުންނަށް ދަންނަވަން އޮތީ މިކަމާ ވިސްނެވުމަށް ކަމަށާއި، ރާއްޖެ ހަރާބުގެ މަގަށް ނުގެންދިއުމަށްވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި ހަމަ އެހެންމެ ސަލާމަތުގެ އައްސޭރި އެބަ އޮތް ކަމަށާއި ތަނަވަސް ދިރިއުޅުމެއް އުޅެވެން އެބަ އޮތަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ގުދުރަތީ ވަސީލަތްތަކުގެ ގިނަ ކަމާއި ރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށް ވަނީ ފާގަ ކުރައްވާފައެވެ.

މިކަމާ ގުޅިގެން ޑރ. އިޔާޒު ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކިތަންމެ ކޯފާ ވިޔަސް ﷲ ގެ ދީން މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގައި ފަހު ނޭވާއާ ހަމައަށް ﷲ ގެ ރަހުމަތާއެކު ދެމިހުންނަވާނެ ކަމަށެވެ.