އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައާ އަދި ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާ އައިއެސްގެ ލޯގޯ ޖެހި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ މާއުނގޫދޫއަށް ބަޔަކު އަރާ އެރަށުގެ އެތަން މިތަނުގައި އައިއެސް ލޯގޯ ޖަގާ އެރަށުގެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފަތުރާފައިވާ ކަމަށެވެ.
މެންބަރު ހުސައިން ޝަމީމްގެ ކުއްލި މައްސަލާގައި ބުނެފައިވަނީ ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަށް ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީއާ އެކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބައެއް ކަމަށްވީ ނަމަވެސް، ކުޑަކުދިންގެ ނާޖާއިޒް މަންފާ ނަގާ އެކުދިންނާ ޖިންސީގޮތުން ގުޅުން އުފައްދާ ނުރައްކަލުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމުގެ އަމަލުތައް ފެތުރިފައިވާ ކަމަށެވެ. އެގޮތުން 13 އަހަރުގެ ކުޑަކުއްޖަކާ މެދު އެފަދައިން ޖިންސީ ގޮތުން ގުޅުން އުފައްދާ އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބުނުތާ އަހަރެއް ވުމާ ގާތްވެފައިވާއިރު އެކަމުގައި ޝިކާރައަކަށްވި ކުއްޖާ މިހާރުވެސް ދިރިއުޅެމުން ދަނީ އެ ނުރައްކަލަށް އެކުއްޖާ ހުށަހެޅުނު ފަރާތްތަކާ އެކުގައިކަން ކުއްލި މައްސަލާގައި މެންބަރު ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
ކުއްލި މައްސަލާގައި އެކަމުގައި ޝާމިލްވި ފަރާތްތަކާއި މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަން ވެސް މެމްބަރު ހުސައިން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތަކާއި މެދު މި ހިނދުން މި ހިނދަށް ފިޔަވަޅު އަލަން ގޮވާލާ ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ހުސައިން ޝަހީމް ވިދާޅުވިއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، މައްސަލައިގެ ބަހުސް މިހާރު ވަނީ ފެށިފައެވެ. މައްސަލަ ބަލައިގަތީ 41 މެމްބަރުންގެ ވޯޓުންނެވެ.