ޖިންސީ ފަރަގުގެ ސަބަބުން ރޭޕްގެ ޝިކާރައަކަށްވެފައި ތިބި މީހުންނާ، އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި ނިކުންނަ މީހުންނާ އެކުގައި މުޖުތަމައު އޮތްކަން އަންގައިދިނުމަށް މިހާރަށްވުރެ ބޮޑެތި މަސައްކަތްތެއް ކުރަން ޖެހިފައި ވާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، އަންހެނުންގެ ހައްގުތައް ޕްރޮމޯޓްކޮށް އަންހެނުންނަށްވެސް ފުރުސަތުތަކެއް ފަހިކޮށްދޭން ޖެހިފައިވާކަމަށެވެ.

ހަނގުރާމައިގެ ނުތަނަވަސްކަމުގައި ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ މާބަނޑު މީހެއް/ފޮޓޯ: ވޯލްސްޓްރީޓްޖާނަލް

އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުން ފެށިގެން ކުރިއަށް އޮތް 2 އަހަރު ދުވަސް ވަކިން ހާއްސަކޮށްފައިވަނީ ރޭޕް ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ. އަންހެނުންނާ އަންހެނުންނާ އަންހެން ކުދިންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާ ފައިވަނީ "އޮރެންޖް ދަ ވާލްޑް: ޖެނެރޭޝަން އީކުއަލިޓީ ސްޓޭންޑްސް އަގެއިންސްޓް ރޭޕް" – މި ޝިއާރެވެ.

ދުވަހުގެ ޝިއާރާ ގުޅުވައިގެން އދގެ ސެކްރޭޓަރީ ޖެނެރަލް ވިދާޅުވީ، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އަދިވެސް ރޭޕް ބޭނުން ކުރަމުން އަންނަ ކަމަށެވެ. ކަންމިހެން އޮތްއިރު ރޭޕްއާއި ގުޅިގެން މުޖުތަމައު ތެރޭގައި އޮންނަ ގަބޫލުކުރުންތަކާ، ކުށްހީ ތަކާ، އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ގިނަ ބަޔަކު ފަސްޖެހުމުގެ އިތުރުން، ރިޕޯޓްކުރާ މައްސަލަތައް ކުރިއަށް ގެންދިއުމަށް ތަންފީޒީ ބާރުތަކުން ފެއިލްވެފައި އޮތުމުގެ ސަބަބުން މި ޖަރީމާ ހިންގުމަށް އިތުރު ފުރުސަތުތަކެއް ފަހިވާކަންވެސް އގެ ސެކްރެޓަރީ ޖެނެރަލްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

https://www.youtube.com/watch?v=oXuAyCqGZrA&feature=youtu.be

މިމޭރުމުން މެސެޖުކުރިއަށް ގެންދަވަމުން ގުޓެރޭޒް ވަނީ، ޖިންސުގެ ތަފާތުކަމުން ހިންގާ ޖަރީމާއާއި އަންހެނުންނާ މެދު ގެންގުޅޭ ބޯދާ ގަބޫލުކުރުންތަކެއްގެ ސަބަބުން އުފެދޭ ތަފާތު ކުރުންތައް ނައްތާލުމަށް ސާބިތު މަސައްކަތްތަކެއް ކުރުމަށް ގައުމުތަކުގެ ސަރުކާރުތަކަށާ، ޕްރައިވެޓް ސެކްޓަރު ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމިއްޔާއާއި އެނޫންވެސް ފަރާތްތަކަށް ގޮވާލައްވާފައެވެ.

އދއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮންމެ 3 އަންހެނަކުން 1 އަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ ގޯނާ ތަހައްމަލުކޮށްފައިވާ މީހެކެވެ. ގިނަ ފަހަރު މި އަނިޔާ އަންނަނީ ހަޔާތުގެ ބައިވެރިޔާގެ ފަރާތުންކަންވެސް އދއިން ފާހަގަކުރެއެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް 16 ދުވަސް ފާހަގަކުރާނީ އަންހެނުންނާ އަންހެން ކުދިންނަށް ދޭ ލާއިންސާނީ އަނިޔާ ހިއްޓުވުމަށް ސީދާ ހަރަކާތްތައް ހިންގާ ދުވަސްތަކެއްގެ ގޮތުގައެވެ.