އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވިއިރު މިހާރު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ރައީސް އޮފީސް ތެރެއިން އެތައް މައުލޫމާތުތަކެއް ބޭރު ކުރި ކަމުގެ ތުހުމަތު ރައީސް ޔާމީން ކުރައްވައިފިއެވެ.

"މަވެސް ޕީޕީއެމް" މި ނަމުގައި މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް މިއަދު އިއްވާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެކޭ ވިދާޅުވަމުން ގެންދަވަނީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ނޫން ކަމަށެވެ. އެގޮތުން އެ ދައުވާއާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައިވާ ތާރީހާ އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ހިއްސާ ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ވަދެފައިވަނީ 2015ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13ވަނަ ދުވަހާއި 15ވަނަ ދުވަހުގައި ކަމަށެވެ. އެ ދުވަސްވަރަކީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާފައިވާ ދުވަސްވަރު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު މި ހުރިހާ މަސައްކަތެއް ރައީސް އޮފީހުގައި ކުރަމުން ދިޔައިރު އަޅުގަނޑު ދެނަހުރިން އެމީހުން އަޅުގަނޑަށް ފާރަވެރިވާކަން. ރައީސް އޮފީސް ތެރެއިންވެސް މައުލޫމާތު ގެންދާކަން އަޅުގަނޑަށް އެނގޭ. އެކަމަކު އެއީ އަޅުގަނޑަށް ބެލޭނެ ކަމެއްވެސް ނޫން އަދި ބަލަން ބޭނުންވެސްވި ކަމެއް ނޫން. އެއީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ގާނޫނާ ހިލާފު ކަމެއް ނުކުރާނެކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ދައުރު ނިމުމުން އެމަނިކުފާނުގެ މައްސަލަ ފުލުހުންގެ އިދާރާއަށް ވައްދައިގެން މައްސަލަ ޝަރީއަތަށް ފޮނުވުމުން އެކަމާ ސުވާލު އުފައްދާފައެވެ.

"ނޫނިއްޔާ އެއީ ސައްހަ މައްސަލައެއްކަން އެމީހުން ގަބޫލުކުރަންޏާ އަޅުގަނޑު އަޒުލު ކުރުމަށްޓަކައި އަޅުގަނޑު މަގާމުގައި ހުއްޓަ ނޫންހޭ މައްސަލަ ވައްދާނީ. މިއީ ހަމަ އާއްމު ސިކުނޑިން ވިސްނާލާ އެއަށްވުރެ އަޅުގަނޑު ފަޟީހަތްވާނެ ކަމެއް ނޯންނާނެ. އަދި އޭރުން އަޅުގަނޑު ރިޔާސީ އިންތިހާބަށް ކުރަމުންދިޔަ އުއްމީދަށް މޮހޮރުޖެހި ކަފުންވެގެން ދިޔައީ ނޫންތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގާނޫނާ ހިލާފަށް ކަމެއްކުރި ކަމަށް ބަޔަކަށް ގަބޫލުކުރެވި އަދި އެފަދަ ކަމެއް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާއަކަށް ހުށަހެޅި ނަމަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވީސް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ 2015ގައި ހިނގި ކަމެއް ހަތަރު އަހަރު ފާއިތުވެގެން ދިއުމުން މިހާރު ފެންމަތި ކޮށްގެން އުޅެނީ ޕީޕީއެމް ވަރުގަދަވެ އެމަނިކުފާނު "އަނގަގަދަވެ" އެމްޑީޕީ މީހުންނަށް އެކަމުން އުނދަގޫ ވާތީ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިއްވާފައިވާ މަނީ ލޯންޑަރިން ދައުވާގެ ހުކުމް ކުރުމުގެ ޝަރީއަތް މި މަހުގެ 28ވަނަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.