ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ދިވެހި ގައުމިއްޔަތުގެ ދުޝްމިނެއްގެ ގޮތުގައި ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ސިފަކުރައްވައިފިއެވެ.

އިލްޔާސް މިގޮތަށް ސިފަ ކުރައްވާފައި މިވަނީ ބައެއް ސިފައިންނާއި ފުލުހުން އަނދިރި ދައުލަތުގެ ފިކުރު ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

އިލްޔާސްގެ ޓްވީޓުގައި އޭނާ ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އަސާސްތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ފުރާނަ ގުރުބާން ކުރުމަށް ތައްޔާރަށް ތިބި ދިވެހިން ފަހުރުވެރިވާ ފުލުހުންނާއި ސިފައިން ބަދުނާމުކޮށް "ގައުމިއްޔަތުގެ ދުޝްމަނުން" ދޮގު ފެތުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

"ދިފާއީ ބާރުތަކުން އިސްލާމީ ވަހުދަތާއި މިނިވަންކަން ދަމަހައްޓާނެ، އިންޝާﷲ" އިލްޔާސް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުޑަކުދިންނާ މެދުގައި އަމަލު ކުރާނެ ގޮތާ މެދުގައި ދިވެހިންގެ ތެރެއަށް ވަކި ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށާއި ދިވެހިންގެ ދިރިއުޅުމުގެ ގޮތް ބަދަލު ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަން ތިއްބަވާ ބޭފުޅުން، މި މައްސަލަތައް ނުބައްލަވާ ދޫކޮށްލައްވަނީ އެބޭފުޅުންއެ އަނެއް ފަލްސަފާއަށް ލެނބެން ފަށައި، އަނދިރި ދައުލަތަށް ބައިއަތު ހިފައިފި. އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރަން މިއަދު އެދެނީ ނަމަ މި ނިދިން އަޅުގަނޑުމެން ތެދުވާން ވެއްޖެ، ހޭލާން ވެއްޖެ" ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ގާނޫނުތައް ކޮންމެހެން ނުދެމެހެއްޓިއަސް ރަނގަޅު ކަމެއް ކަމަށް ދެކޭ މީހުންވެސް ދިވެހިންގެ ތެރޭގައި މިހާރު އެބަތިބި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިންގެ ވިސްނުމަށް އެފަދަ ބަދަލެއް އައީ ދިފާއީ ބާރުގެ ތެރޭގައި ފަރުވާ ކުޑަކަމާއި އަޅާނުލުމުގެ ސަބަބުން ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.