2016 ވަނަ އަހަރު ތުރުކީވިލާތަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތާ ގުޅިގެން ހައްޔަރު ކުރަން ބޭނުންވެގެން އެގައުމުން ހޯދަމުންދާ ފަލަސްތީނުގެ ފަތަހަ ޖަމާއަތުގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ މުޙައްމަދު ދަހްލާންއާއި ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް 4 މިލިއަން ލީރާ (700000 ޑޮލަރު) ދޭނެކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ފަލަސްތީނަށް އުފަން މުޙައްމަދު ދަހްލާން އަމިއްލައަށް އަރުވާލެވިގެން މިހާރު ދިރިއުޅެމުންދަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތުރުކީވިލާތުގެ ސަރުކާރުން ތުހުމަތުގައި ކުރާ ގޮތުގައި އެގައުމުގެ ރައިސް ރަޖަބު ތޮއްޔިބު އުރުދުގާންގެ ވެރިކަން ވައްޓާލުމަށް 2016 ވަނަ އަހަރު ކުރި ނާކާމިޔާބު ބަގާވާތުގައި، 58 އަހަރުގެ މުޙައްމަދު ދަހްލާން ވަނީ ބައިވެރިވެފައެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން/ފޮޓޯ: ލާޒްލޯ ބަލޯޣް

ތުރުކީވިލާތުގެ ދާހިލީ ވަޒީރު ސުލައިމާން ސޮއިލީ ވިދާޅުވީ، ތުރުކީވިލާތުން އެންމެ ހޯދަން ބޭނުންވެފައިވާ "ޓެރަރިސްޓުން"ގެ ލިސްޓުގައި މުޙައްމަދު ދަހްލާން ހިމަނާފައިވާނެ ކަމަށެވެ. ގުލޭނިސްޓް ޓެރާ ގުރޫޕު (ފޭޓޯ)އާއި ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި މި ލިސްޓުގައި ގުލާނީ ހިމަނާފައިވާއިރު، މިއީ އެމެރިކާގައި ދިރިއުޅެމުންދާ ތުރުކިވިލާތުގެ ވިޔަފާރިވެރިޔާ ފަތުހުﷲ ގޫލެންގެ ޖަމާއަތެއް ކަމަށް ޚަބަރު ލިބެއެވެ.

2016 ވަނަ އަހަރުގެ ބަގާވާތުގެ އިލްޒާމު، ތުރުކީވިލާތުގެ ސަރުކާރުން އަމާޒު ކުރަމުންދަނީ ފަތުﷲ އާއި އޭނާގެ ފޭޓޯ ހަރަކާތްތަކަށެވެ. ތުރުކީވިލާތުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުންނަމަ މުޙައްމަދު ދަހްލާންއަކީ ފޭޓޯއަށް ފަންޑު ފޯރުކޮށްދޭ މީހެކެވެ.

ޚަޝޯގީގެ މަރުގެ ފަހަތުގައިވެސް ދަހްލާން

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީގެ އެމްބަސީގެ ތެރޭގައި، ސައުދީގެ ތަޖިރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ، އިހާނެތި ގޮތަކަށް މިދިޔަ އަހަރު މަރާލާފައިވާއިރު މިކަމުގައިވެސް މުޙައްމަދު ދަހްލާންގެ އަތެއް ވާކަމަށް ތުރުކީވިލާތުގެ މީޑިއާއިން ވަނީ ތުހުމަތު ކުރަން ފަށާފައެވެ.

އެކުވެރި އަރަބި އިމާރާތަކީ ޓެރަރިސްޓުން ހިމާޔަތް ކުރާ ގައުމެއް ކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ކާވުސޮގްލޫވެސް ވަނީ މުޙައްމަދު ދަހްލާންއަކީ އިސްރާއީލުގެ އޭޖެންޓެއް ކަމަށް ވިދާޅުވެފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ވ) އަދި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން/ފޮޓޯ: ޑެއިލީ ބީސްޓް

ތުރުކީވިލާތާ ޔޫއޭއީގެ ގުޅުން ހީނަރުވެފައިވާއިރު ތުރުކީވިލާތުގެ ހާރިޖީ ވަޒީރުވަނީ، ފަލަސްތީނުގެ ލީޑާޝިޕުން މަހްމޫދު އައްބާސް ބޭރުކޮށް، އެ މަގާމަށް މުޙައްމަދު ދަހްލާން ގެނައުމަށް ޔޫއޭއީއިން އެހީވާ ކަމަށްވެސް ތުހުމަތުކުރައްވާފައެވެ.

ދަހްލާންގެ ރައްދު

ސައުދީގެ މީޑިއާއެއް މެދުވެރިކޮށް ތުރުކީވިލާތުގެ ތުހުމަތުތަކަށް ރައްދު ދެމުން މުޙައްމަދު ދަހްލާން ވަނީ ތުރިކީވިލާތަށްވެސް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައެވެ. އެގޮތުން ތުރުކީވިލާތަކީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް އެއްބާރުލުންދޭ ގައުމެއް ކަމަށާ، ލީބިޔާގެ މަރުކަޒީ ބޭނުންކުން ރަނުގެ ވައްކަންވެސް ތުރުކީވިލާތުން ކުރަމުންދާ ކަމަށްވެސް މުޙައްމަދު ދަހްލާން ވަނީ ތުހުމަތުކޮށްފައެވެ.