އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދަން އަމުރު ނުކުރައްވާ ކަމަށް އޭރު ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވުމުން އެކަމަށް މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައްދު ދެއްވައިފިއެވެ.

މާރިޔާ މިފަހަރު ރައްދު ދެއްވީ ސްކޫލުތަކުގެ ލަވަ މުބާރާތުގައި މަޝްހޫރުވެގެން ދިޔަ ލަވަޔަކުންނެވެ. ދެހާސްވަނަ އަހަރުތަކުގެ ކުރީ ކޮޅުގައި މަޝްހޫރުވި މި ލަވަޔަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ ފްލޯކް ވާހަކައެއް ކަމަށްވާ "ފޫޅު ދިގު ހަންޑި" މި ވާހަކާގައި ހިނގާ ކަންކަމުގެ މައްޗަށް ކުރީގެ ފިލްމީތަރި އިސްމާއިލް ވަޖީހު ހަދާފައިވާ ލަވައެކެވެ. ލަވައިގެ ކަޑީގައި ބަޔާންކޮށްފައި ވަނީ ފޫޅު ދިގު ހަންޑި އާމިނާބީއަށް ކުރަމުންދާ ޖެއްސުންތައް އާމިނާބީގެ ފިރިމީހާ ހަސަންތަކުރު، ފޫޅުދިގު ހަންޑި ގާތުގައި ބުނުމުން އެކަންކަން ދޮގުކުރާ ވާހަކައެވެ.

މާރިޔާ އާދަމް ޝަރީފަށް ރައްދު ދެއްވީ، ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން، މަޖިލީހަށް ސިފައިން ވައްދަން އަމުރު ނުކުރައްވާ ކަމަށް އާދަމް ޝަރީފު ވިދާޅުވުމުންނެވެ.

އެގޮތުން މެމްބަރުންގެ މެދުގައި ބަދަލުކުރައްވަމުން ގެންދެވި ބަހުގެ ހަމަލާތަކުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ސިފައިން ވެއްދެވި ކަމަަށް ތަކުރާރުކޮށް ވިދާޅުވެ ފައެވެ. އަދި މަޖިލީހަށް ސިފައިން ވެއްދެވީ އާދަމް ޝަރީފް ތޯ ތަކުރާރު ކޮށް ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲ ސުވާލު ކުރެއްވިއެވެ. އެކަންކަމުގެ ޖަވާބެއްގެ ގޮތުން އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހަށް ސިފައިން ވެއްދުމަށް އޭނާ އަމުރު ނުކުރައްވާ ކަމަށެވެ.

މަޖިލީހަށް ސިފައިން ވެއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ކަމަށް ނުސީދާ ކޮށް ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ އޭނާ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނަމަވެސް ސިފައިންގެ އެންމެ އިސްވެރިޔާ އަކީ އޭނާ ނޫންކަމަށެވެ.