މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނުނިމި ދިގުލައިގެންދާ ކަމަށާއި އެމައްސަލައިގެ ތަހުގީގު މި ސަރުކާރަށް ނުނިންމޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ގޮންޖައްސަވައިފިއެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައި ވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ކަމަށް ބުނާ އެއް މިލިޔަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ކުރެވި، ޝަރީއަތް މިހާރު ވަނީ ހުކުމާ ހަމައަށް ގޮސްފައެވެ.

"ހިބަރުވަދު"ގެ ނަމުގައި އިދިކޮޅުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމުގެ ގާބިލުކަން ފުލުހުނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ނުކުރެވޭނީ "ވަގު ފައިސާ" އެންމެ ގިނައިން ނެގީ ކޮން ބައެއްކަން އެނގޭތީ ކަމަށެވެ.

"މައްސަލަ ތަހުގީގެއް ނުކުރެވޭނެ، އެއީ މި މައްސަލައިގެ އެންމެ ގިނަ ވަގުފައިސާ ނެގީ ކޮންބަޔެއްކަން އެބަ އެނގޭ، އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާ ދީފައި އޭނާ ބުނީ އެންމެ ގިނަ ވަގުފައިސާ ނެގި މީހުން ތިބީ މި ސަރުކާރުގައޭ،" ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރު ދިފާއު ކުރަން މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެންބަރުންނަކީ އެމްއެމްޕީއާރުސީގެ ވަގުފައިސާ އެންމެ ގިނައިން ނެންގެވި ބޭފުޅުން ކަމަށެވެ.

"މި ސަރުކާރު ދިފާއުކުރަން ތި އޮތް ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީގެ މެމްބަރުންގެ ތެރޭގައޭ ތިބީ އެންމެ ގިނަ ވަގު ފައިސާ ނެގި މީހުން، އެހެންވީމާ ކިހިނެއް މިކަން ތަހުގީގު ކުރާނީ؟ މި މައްސަލަ ތަހުގީގެއް ނުކުރެވޭނެ، މި މައްސަލައިގެ އެންމެ ފުންމިނާ ހަމައަށް ދިއުމުގެ ގާބިލްކަމެއް، ހިތްވަރެއް ފުލުހުންގެ ނުހުންނާނެ،" ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ވަކިވަކި މީހުންގެ މައްސަލަތައް ތަހުގީގު ކުރެވިދާނެ ކަމަށާ އަދި ބޮޑު ހިޔާނާތުގެ ފުރިހަމަ ތަހުގީގު ނިމޭނީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެމްއެމްޕީއާރުސީގެވެސް ފުރިހަމަ ތަހުގީގެއް ނިމިގެންދާނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި،" ޔާމީން ވިދާޅުވިއެވެ.

"ހީނުކުރާތި މިހާރު ބާރުގައި ތިބި މީހުން، އަޅުގަނޑުމެން ފުރޮޅާނުލާނެ ހަމަ އެންމެ ގާކޮޅެއް ވެސް ނޯންނާނެ، މިހާރު ފެހި ކާން ދެ ރޮނޑަށް އެއްކޮށް ތިބެވިދާނެ، އެކަމަކު ގަބޫލު ކުރައްވާ، އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ދެންނެވި ހަމަ އެއްވެސް ކަމެއް ނުބަލައި ދުލެއް ނުކޮށްލާނަން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ސަރުކާރުން މަސައްކަތް ކުރެއްވީ ކުރީގެ ސަރުކާރުތަކުގެ އެއްވެސް މައްސަލައެއް ނުބަލަން ކަމަށެވެ. އެއީ ރާއްޖެ އަށް ހަމަޖެހުން ގެނައުމަށް ކަމަށާއި އަދި އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.