އެމްޑީޕީ ލީޑާޝިޕް އިންތިހާބުގައި އެޕާޓީގެ ރައީސް ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި އެޕާޓީގެ ނައިބު ރައީސް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އިންތިހާބު ވެއްޖެއެވެ.

އިއްޔެ ބޭއްވި އެ ޕާޓީގެ އިންތިހާބުގައި އެޕާޓީގެ ރައީސް ނަޝީދު ދެވަނަ ދައުރަކަށް އިންތިހާބު ކުރި އިރު އެ މަގާމަށް ކުރިމަތިލެއްވީ ވެސް އެމަނިކުފާނު އެކަންޏެވެ. އަދި ނައިބު ރައީސްކަމަށް ވާދަކުރެއްވީ މިހާރު ވެސް އެ މަގާމު ފުރުއްވާ ޝިފާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އިއްޔެ މެންދުރުފަހު 2:00 ފެށިގެން އިރޮއޮއްސި 7:00 ޖެހުމާއި ހަމައަށް މި އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ވާއިރު، ތޭވީސް ހާހަށްވުރެ ގިނަ މީހުން ވޯޓު ލާފައިވެއެވެ.

އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް މުހައްމަދު ނަޝީދު ދެވަނަ ދައުރަކަށް ހޮވަން ފެންނަ ކަމަށް ވޯޓް ދީފައި ވަނީ 23،396 މީހުންނެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ޝިފާޒަށް 13،233 މީހުން ވޯޓް ދީފައި ވާއިރު، އަސްލަމަށް ލިބިފައިވަނީ 9957 ވޯޓެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.