ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ބިލު ތަސްދީގު ކުރައްވައި ގެޒެޓުކޮށްފިއެވެ.

މި ދެ ގާނޫނުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދެ ގާނޫނުވެސް ތަސްދީގު ކުރައްވައިފައެވެ. އަދި އެ ދެ ގާނޫނު މިހާރު ވަނީ ގެޒެޓު ވެސް ކޮށްފައެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލު މަޖިލީހުން ފާސްކުރީ 66 މެމްބަރުންގެ އިއްތިފާގުންނެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އެ ބިލުވެސް ފާސްކުރީ 66 މެންބަރެއްގެ އިއްތިފާގުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ކަންތައްތަކުގެ ތެރޭގައި ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުން ވަނީ މަޖުބޫރުކޮށްފައެވެ. ކުޑަކުދިންނާ މެދު އިހުމާލުވުމާއި، އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެއް ކަމަށް އެ ގާނޫނުގައި ވެއެވެ. ހަމައެއާއެކު ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައިވެސް އެ ގާނޫނުގައި ވަނީ ހިމަނާފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ކަންތައްތަކުގެ ތެރެއިން، ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހެދުމަށާއި، ކުށުގެ ބަންދުގައި ތިބޭ ކުދިންނަށް ތައުލީމު ދިނުން ލާޒިމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު ކުށުގެ ތުހުމަތު ކުރެވޭ ކުއްޖާއަށް ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ކުއްޖާއަށް ވެސް ގިނަ ހައްގުތަކެއް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ކުއްޖާގެ ކަރާމާތް ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.