ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އީސީ އިން ތައާވަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާފައި ވަނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އެފަހަރު އިންތިހާބު ބޭއްވީ އެތައް ފަހަރަކު ފަސް ކުރުމަށްފަހުއެވެ.

އީސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖެއިން ބޭރު ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓްލާން އެދި މަދުވެގެން 150 މީހުން ރަޖިސްޓްރީ ކުރުމުން ކަމަށެވެ. އަދި ރިސޯޓްތަކުގައި މަދުވެގެން 50 މީހުން ރަޖިސްޓަރީ ވެގެނެވެ.

މީގެ އިތުރުން ސިނާއީ ރަށްރަށުގައި ވޯޓް ފޮއްޓެއް ބަހައްޓާނީ ވޯޓްލާން 25 މީހުންނަށްވުރެ ގިނައިން ރަޖިސްޓަރީ ވެގެން ކަމަށާއި ޖަލު ތަަކުގައި ވޯޓް ފޮށި ބަހައްޓާނީ 25 މީހުންނަށްވުރެ އިތުރަށް ރަޖިސްޓަރީވުމުން ކަމަށެވެ.

ކައުންސިލް އިންތިހާބު ބާއްވަން 65 މިލިއަނާއި، 70 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.