ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމީ، ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ދައުވާ ކުރުމުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާތީ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑީޝަރީ ކޮމެޓީން ޕީޖީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާ ރައީސް ނަޝީދު ވަނީ ގާނޫނުއަސާސީގައި ޕީޖީގެ މަގާމުން ވަކިކުރެވޭނެ ހާލަތު ބަޔާންކޮށްފައިވާ މާއްދާ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އަދި އެ މާއްދާ އިއްވުމަށްފަހު ނަޝީދު ވިދާޅުވީ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައަކީ މަޖިލީހުގެ މެންބަރުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެއް އަހަރުވެގެން ދިޔައިރުވެސް އެކަށީގެންވާ ރަނގަޅު ޕްރޮސިކިއުޝަނެއް ހިންގާފައިވާތަން ފެނިފައި ނުވާކަން މެންބަރުންނާއި ވާހަކަދައްކަވާ ލެއްވުމުން މެންބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ޕީޖީގެ މަގާމުން އެކަމަނާ ދުރުކުރަން މެންބަރުން ބޭނުންވަނީ އެ ސަބަބާ ހެދި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މަރުތަކާއި ގުޅޭ އެކިއެކި ރިޕޯޓު މި މަޖިލީހަށް ހުށަހެޅި ބަހުސް ކުރެވިފައިވެއްޖެ. ލިޔުންތެރިޔާ ރިލްވާން މަރާލުމާއި ގުޅިގެން އެކަމާ ގުޅޭ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާ ދިނުމަކީ މި މަޖިލީހުގެ މެންބަރުންގެ ވަރަށް ބޮޑު އެދުމެއްކަން ވަރަށް ސާފުކޮށް އެބަ އިނގޭ. މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މި ވާހަކަތައް ތަކުރާރުކޮށް އެބަ ދެކެވޭ. އަދި އެހެންވެސް ވައްކަމާ ފަސާދައާ އަނިޔާއާ ޓެރަރިޒަމްގެ އަމަލުތަކާއި ހައްދު ފަހަނަ އަޅާ ދިއުމުގެ އަމަލުތަކާއި މީގެއިން އެއްވެސް ކަމަކާއި ގުޅިގެން ޕްރޮސިކިއުޝަނެއް ހިނގާފައިވާތަން އަޅުގަނޑު ހިތުން މިދިޔަ އެއް އަހަރުގެ ތެރޭގައި މެންބަރުންނަށް ފެނިފައި ނުވާކަމުގެ ސަބަބު އަޅުގަނޑު އެބޭފުޅުންނާއި ވާހަކަދައްކާލުމުން އެނގުނީ ގާނޫނުއަސާސީގައި 228ވަނަ މާއްދާގައި މިބުނާ ހާލަތު މެދުވެރީ،" ނަޝީދު ވިދާޅުވިއެވެ.

ޕީޖީ ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ދެވަނަ ފަރަހަށް ޖުޑީޝަރީ ކޮމެޓީން ފަށާފައި ވަނީ އިއްޔެއެވެ.

އިއްޔެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް އެ މަގާމުން ވަކިރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. މިއީ ޕީޖީ ބީޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ފެށި ދެވަނަ ފަހަރެވެ. އޭނާ ވަކިކުރުމަށް މިދިޔަ މަހު 16 ވަނަ ދުވަހުވެސް އެ ކޮމީޓީން ފާސްކުރި ނަމަވެސް އިޖުރާއަތުތަކާ ހިލާފު ކަމަށް ބުނެ ފަހުން އެ ނިންމުން ބާތިލް ކުރަން ކޮމިޓީން ނިންމީއެވެ.

މައަދުގެ މި ހުށަހެޅުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ތާއީދު ކުރައްވާފައި ވާއިރު، މި ހުށަހެޅުން ފާސްކޮށްފައި ވަނީ ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުމަށް ވޯޓު ނުދެއްވަނީ ގުރައިދޫ ދާއިރާ މެމްބަރު އިބްރާޙިމް ރިޒާ އެކަންޏެއެވެ. މިއަދު ކޮމިޓީގެ މުގައްރިރުކަން ކުރެއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖެވެ.

ބިޝާމް ޕީޖީގެ މަގާމާ ހަވާލުވެވަޑައިގަތީ، 24 ނޮވެމްބަރު 2015 ގައެވެ.

މިދިޔަ ސަރުކާރުގައި އެ މަގާމުގައި ހުންނަވައިގެން އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަނީ ގިނަ ދައުވާތަކެއް ޕީޖީ ކުރައްވާފައެވެ. އެކަމާ ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުން ވަނީ އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ޕީޖީ ބިޝާމްގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި ފަހުން ނަވާރަ ވަނަ މަޖިލީހުގައިވެސް ބައެއް މެމްބަރުން ވަނީ ބިޝާމް ވަކިކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.