މައި ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދަނިކޮށް ޕެޓްރޯލްގެ އަގު ބޮޑު ކުރުމާ ގުޅިގެން އިތުރަށް ވަރުގަދަ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކަކުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ އެކި ހިސާބުތަކުން މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.
އީރާނުގެ ސަރުކާރާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހުއްސުރެ ފެށިގެން ވަރުގަދަ ކުރި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އެ ގައުމަށް ސަރުކާރަށް އެއްބާރުލުން ދޭ ސަލާމަތީ ބާރުގެ ފައުޖުތަކުން އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން ކުރަމުންދާ ކަމަށް އެމްނެސްޓީއިން ބުނެއެވެ.
އެމްނެސްޓީއިން ބުނީ ލިބެމުންދާ ސައްހަ ރިޕޯޓްތަކަށް ބަލާއިރު އީރާނުގެ 21 ސިޓީއަކުން 106 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. އަދި މުޅިން ކަށަވަރު ނުވާ ރިޕޯޓްތަކަށް ބަލާއިރު، ސަލާމަތީ ބާރުތަކުން އެކަށީގެން ނުވާ މިންވަރަށް ބޭނުން ކުރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 200 އަށްވެސް އަރާކަމަށް އެމްނެސްޓީއިން ވަނީ ބުނެފައެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވަމުންދާ އެމްނެސްޓީ އިންޓަނޭޝަނަލްއިން އާންމުކުރި ތަފާސް ހިސާބުތަކާ ގުޅޭ ގޮތުން އިރާނު ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނެތެވެ. އަދި މުޒާހަރާތަކާ ގުޅިގެން މަރުވި މީހުންގެ ރަސްމީ ތަފާސް ހިސާބުތައްވެސް އާންމުކޮށްފައެއް ނުވެއެވެ.