ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ އާ ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު މަގާމުން ވަކިކުރާނަމަ، އެކަން މަޖިލީހުުގެ ރައީސްގެ ސަމާލުކަމަށް ގެންނަވަން ޖެހެއެވެ. އެއަށްފަހު މަޖިލީހުގެ ރައީސް އެކަން މަޖިލީހަށް އިއުލާން ކުރައްވަން ޖެހެއެވެ.

ޕީޖީ ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ދެވަނަ ފަރަހަށް ޖުޑީޝަރީ ކޮމެޓީން ފަށާފައި ވަނީ މިއަދުއެވެ.

މިއަދު މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް އެ މަގާމުން ވަކިރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. މިއީ ޕީޖީ ބީޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ފެށި ދެވަނަ ފަހަރެވެ. އޭނާ ވަކިކުރުމަށް މިދިޔަ މަހު 16 ވަނަ ދުވަހުވެސް އެ ކޮމީޓީން ފާސްކުރި ނަމަވެސް އިޖުރާއަތުތަކާ ހިލާފު ކަމަށް ބުނެ ފަހުން އެ ނިންމުން ބާތިލް ކުރަން ކޮމިޓީން ނިންމީއެވެ.

މައަދުގެ މި ހުށަހެޅުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ތާއީދު ކުރައްވާފައި ވާއިރު، މި ހުށަހެޅުން ފާސްކޮށްފައި ވަނީ ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުމަށް ވޯޓު ނުދެއްވަނީ ގުރައިދޫ ދާއިރާ މެމްބަރު އިބްރާޙިމް ރިޒާ އެކަންޏެއެވެ. މިއަދު ކޮމިޓީގެ މުގައްރިރުކަން ކުރެއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖެވެ.

ބިޝާމް ޕީޖީގެ މަގާމާ ހަވާލުވެވަޑައިގަތީ، 24 ނޮވެމްބަރު 2015 ގައެވެ.

މިދިޔަ ސަރުކާރުގައި އެ މަގާމުގައި ހުންނަވައިގެން އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަނީ ގިނަ ދައުވާތަކެއް ޕީޖީ ކުރައްވާފައެވެ. އެކަމާ ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުން ވަނީ އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ޕީޖީ ބިޝާމްގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި ފަހުން ނަވާރަ ވަނަ މަޖިލީހުގައިވެސް ބައެއް މެމްބަރުން ވަނީ ބިޝާމް ވަކިކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.