ދީބާޖާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ދޭން ޖެހޭ 348 މިލިއަން ރުފިޔާގެ ތެރެއިން 58 މިލިއަން ރުފިޔާ ތިން ދުވަހުގެ ތެރޭގައި ދިނުމަށް ބަންޑާރަ ނާއިބުގެ އޮފީހަށް ފުރުސަތު ދީފިއެވެ.

ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. ނަމަވެސް 2013ވަނަ އަހަރު އެ ކުންފުންޏާއި އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ. އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށްބުނެއެވެ.

އެ ކުންފުންޏަށް އެއްބަސްވުމުގެ ދަށުން ވަނީ ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަންވެސް ލާޒިމްކޮށްފައެވެ. ނަމަވެސް ސަރުކާރުން އެ ބިންތައް ދީބާޖާއަށް ދޫކޮށްފައެއް ނުވެއެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެގޮތަށް ކަނޑައެޅީ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމަށް ބެލުމަށްފަހުއެވެ. އެހެންވެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރިއެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި ދީބާޖާއިން އިސްތިއުނާފު ކުރިއެވެ. އަދި އިސްތިއުނާފު ކުރިއިރު އެ ކުންފުނިން ރިއާޔަތް ކޮށްފައިވަނީ ވެސް އެންމެ ކަމެއްގެ މައްޗަށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ.

އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ބުނެފައިވަނީ ބަދަލުގެ ފައިސާ ދީބާޖާއަށް ދޭން ޖެހޭނީ ސުޕްރީމް ކޯޓުން ހުކުމްކުރިތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެހެންކަމުން އެ ހުކުމަށް މިހާރު ވަނީ އަށް މަސް ދުވަސްވެފައިވާއިރު އަދިވެސް ދައުލަތުން ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި ދީބާޖާއިން އިސްނަގައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ސެޓްލްމަންޓު ކޮމެޓީއާ އެކު މަޝްވަރާވެސް ވަނީ ކޮށްފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މިހާތަނަށް ވެސް ލަފާއާ ގުޅޭ ގޮތުން ރައީސް ގޮތެއް ނިންމަވައި އެކަން ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިނުވާ ކަމަށެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި ސިވިލް ކޯޓުން ވަނީ ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައި ރަސްމީ ތިން ދުވަހުގެ ތެރޭގައި ދެއްކުމަށް ސަރުކާރަށް އަންގައިފައެވެ. ނަމަވެސް މިއަދުގެ ދައުލަތުގެ ވަކީލް ވަނީ އެކަމަށް ދަތިވާ ކަމަށް ވިދާޅުވެ އިތުރު މުއްދަތަށް އެދިފައެވެ. އެގޮތުން ދައުލަތުގެ ވަކީލު ވަނީ އެކަމަށް 30 ދުވަހުގެ މުއްދަތަކަށް އެދިފައެވެ.

ނަމަވެސް ދީބާޖާއިން ވަނީ އެހާ ގިނަ މުއްދަތަށް ދިނުމަށް ދެން އެއްބަސްނުވާނެ ކަމަށް ބުނެފައެވެ. މިހާރު ވެސް ވަރަށް ގިނަ ވަގުތު ދެވިއްޖެ ކަމަށާއި ފައިސާ ލިބުން ދަތިވާތީ އެކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް ދީބާޖާއިން ކޯޓުގައި މިއަދު ބުންޏެވެ. އެހެންކަމުން ދީބާޖާއިން ވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ސިވިލް ކޯޓުން އެންމެ ފަހުގެ އަޑުއެހުމުގައި ދޭން އެންގި އަދަދުގެ ދެބައިކޮށްފަ އެއްބައި ދޭން އަމުރުކޮށްދިނުމަށް އެދިފައެވެ. އެ އަދަދަކީ 58 މިލިއަން ރުފިޔާއެވެ.

ނަމަވެސް ދައުލަތުން އެ މުއްދަތު މާ އަވަސް ކަމަށްބުނެ 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެދުނެވެ. އެހެންކަމުން ދީބާއިން ވަނީ ހަތް ދުވަހަށް މުއްދަތު އިތުރު ކޮށްދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް ދައުލަތުން ބޭނުންވަނީ 30 ދުވަހެވެ. ދީބާޖާއިން އެ މުއްދަތަކަށް އެއްބަހެއް ނުވެއެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ހަތް ދުވަހަށް އެއްބަސްވާ ނަމަ ދެން މައްސަލައެއް ބޭއްވޭނީ އަންނަ މަހުގެ 10ވަނަ ދުވަހުގައި ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީއަކަށް ވަޑައިގަންނަވާތީއެވެ. އެހެންކަމުން ދީބާޖާއިން ވަނީ އެއީ މާ ލަސް މުއްދަތެއް ކަމަށް ބުނެ މައްސަލަ ތިން ދުވަހަށް ބަދަލުކޮށްފައެވެ.

ގާޒީ ނިންމެވީ 58 މިލިއަން ރުފިޔާ ދިނުމަށް ތިން ދުވަހުގެ މުއްދަތެއް ދައުލަތަށް ދިނުމަށެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.