ރަޖިސްޓްރީ ނުކޮށް ޖަމިއްޔާތައް ހިންގުމުގެ ބާރު ދޭގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ޖަމިއްޔާތަކާ ބެހޭ ބިލަށް ހުށަހަޅައިފައިވާ އިސްލާހުގައި ވަނީ، ޖަމިއްޔާތައް ރަޖިސްޓްރީ ނުކޮށްވެސް ހިންގިދާނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ މާޗްމަހުގެ ތިން ވަނަ ދުވަހު ހުށަހަޅާފައިވާ ބިލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގިދާނެ ކަމަށެވެ.

މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ނުކޮށް ހިންގާ ޖަމިއްޔާ ޖަމާތްތަކަށް ނުކުރެވޭނެ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި މުދާ މިލްކު ކުރުމާއި، ޖަމިއްޔާގެ ނަމުގައި ދައުވާ ހުށަހެޅުން އަދި ދައުވާ ލިބިގަތުން ހިމެނެއެވެ.

ރަޖިސްޓާ ނުކޮށް ޖަމިއްޔާ ހިންގުމަށް ބާރުދޭ ގޮތަށް އެ ބިލުގައި އިސްލާހު އޮތްއިރު، ގާނޫނާއި ގަވާއިދަށް ހިލާފަށް އަމަލުކުރާ ޖަމްއިއްޔާތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ގާނޫނުގައި މަނާކަމެއް ކަމަށް ބަޔާކޮށްފައިވާ ކަމެއް ޖަމްއިއްޔާއަކުން ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ އަމަލެއް ހުއްޓުވުމަށް ނުވަތަ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ބާރު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ދިނުމަށް ވެސް ބިލްގައި ހިމަނާފައި ވެއެވެ.

ޖަމިއްޔާތަކާ ބެހޭ ބިލަށް ހުށަހަޅައިފައިވާ އިސްލާހުގައި ޖަމިއްޔާ ޖަމާތްތައް އުވާލެވޭނެ ގޮތް ވެސް ވަނީ ބަޔާން ކޮށްފައެެވެ. އެހެން ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނާ އެއްގޮތް ކަންކަން އެބިލުގައި ހިމަނާފަވާ ކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި ޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ނަމަ، އެ ޖަމިއްޔާއެއްގެ ގަވާއިދުތައް ހިމަނަން ޖެހެއެވެ.

މީގެ އިތުރުން ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ހަމަޖެއްސުމަށް ވެސް މިއަދު ފޮނުވި އިސްލާހުގައި ހިމެނެއެވެ. އަދި އެއްވެސް ޖަމިއްޔާއަކުން ޖިނާއީ އެއްވެސް ކުށެއް ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ އަސްކަރީ ތަމްރީނެއް ނުވަތަ ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށާއި ގާނޫނުން ލިބިދޭ ބާރުތަކުގެ ބޭރުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލުގައި ދެ ޖަމިއްޔާއެއް އެއްކޮށްލާނަމަ އަމަލުކުރަންޖެހޭނެ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ. އަދި ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން ރާއްޖޭގައި ހަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، އަމަލުކުރަންވީ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، ޖަމްއިޔާތަކުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޖަމިއްޔާގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކިއެކި މުއާމަލާތް ހިންގުމާއި، ޖަމްއިއްޔާތަކުގެ ދަރަންޏާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ވެއެެވެ.

މިހާރު އަމަލު ކުރަމުން ދަނީ 2003 ވަނަ އަހަރު އަމަލުކުރަން ފެށި ޖަމިއްޔާތަކާ ބެހޭ ގާނޫނެވެ. ނަމަވެސް ސަރުކާރުން އަލަށް އެކުލަވާލި ބިލް ފާސްވުމާ އެކު ކުރީގެ ގާނޫނު އުވި އާ ގާނޫނަށް އަމަލުކުރަން ފެށޭނެއެވެ.